ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަންގަމުންދާ އެންގުންތަކަށް ފުރުހަމައަށް ބޯލެނބުމަށް ހިޔުމަން ރައިސްޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.
އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 ދިވެހިރާއްޖެއިން ފެނުމާގުޅިގެން މި ބަލި އިތުރަށް ދިވެހިރާއްޖޭގައި ފެތުރޭ މިންވަރު ކުޑަކުރުމުގެގޮތުން، ރައްޔިތުންގެ ޢަމަލުތައް ބައްޓަންކުރަންވީގޮތުގެ ގިނަ އިރުޝާދުތަކެއް ކަމާ ގުޅުންހުރި އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުދާ ކަމަށެވެ.
އެގޮތުން ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން ބަންދުކޮށް މިސްކިތްތަކަށް ޖަމާޢަތަށް ނަމާދަށް ދިއުން މަނާކުރުމުގެއިތުރުން، 2020 މާރިޗު 19 އިން 26 އަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާކަން އެޗްއާރުސީއެމްއިން ވަނީ ފާހަގަކުރަމެވެ.
މި ބަލި އިތުރަށް ފެތުރިގެން ދިޔަނުދިނުމަށްޓަކައި ޞިއްޙީ މާހިރުންނާއި އަދި ކަމާ ގުޅުންހުރި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ރައްޔިތުންނަށް ދެއްވާ އިރުޝާދުތަކަކީ ތިމާގެ އަމިއްލަ ޞިއްޙަތުގެ އިތުރުން އަނެކާގެ ޞިއްޙަތަށް ރައްކާތެރިވުމުގެގޮތުން ދެއްވާ އިރުޝާދުތަކެއްކަމުގައި ފާހަގަކޮށް އެޗްއާރުސީއެމްއިން ބުނެފައި ވަނީ މި ޚައްޞާޞީ ދަނޑިވަޅުގައި، ކަމުގެ މާހިރުންނާ ތަޖުރިބާކާރުންގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ހުރިހާ ރައްޔިތުންވެސް ގޭގައި ތިއްބެވުމަށް ސަމާލުކަން ދެއްވުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކަށް ތަބަޢަވެ އެންމެހާ ރައްޔިތުންގެ ޢަމަލުތައް ބައްޓަންކުރުމަށާއި އަދި މި ދަނޑިވަޅުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ހުރިހާ ރައްޔިތުންނަށް އެޗްއާރުސީއެމްއިން ވަނީ ގޮވާލާފައެވެ.

