އެއީ ވެސް ދުވަހެކެވެ. އޭނާގެ ޒުވާންކަމުގެ ”އިރު“ ފެނުންތޮޅިލީ އެތަކެއް ބުރަ މަސައްކަތްތަކަކާއެކުގައެވެ. އޭނާގެ ސާދާ މިޒާޖާއެކު، އޭނާ ބަލަމުންދިޔައީ ޒަވާޖުގެ ގުޅުން އާރާސްތުކުރެވޭތޯއެވެ.
ދުވަސްތައް ވޭތުވަމުން ގޮސް އޭނާއަށް ލޯބިލޯބި އެއްމާބަނޑު ދެބެން ލިބިއްޖެއެވެ. އެހެންނަމަވެސް، އޭނާގެ އެ އުފާވެރި ހިނދުކޮޅު ހިއްސާކުރާނެ ބައިވެރިޔަކުނެތެވެ. އާދޭހެވެ. އޭނާ ބަލިވެއިންތާ ފަސް މަސްނުވަނީސް، ކެންސަރުބަލީގައި އޭނާގެ ފިރިމީހާ ނިޔާވެއްޖެއެވެ.
އެ ދުވަހަށްފަހު އޭނާ ތަޙައްމަލުކުރަމުން އެދަނީ ވަރަށް ވެސް ހިތްދަތި ދުވަސްތަކެކެވެ. ދިރިހުންނަން ބޭނުން ނުވާފަދައެވެ. އެހެނީ، އޭނާގެ މިލާފައިވާ މޫނުމަތިން ފެންނަ އަސަރުތަކުން އެ ކަން ހާމަވެއެވެ.
އެހެންނަމަވެސް ތުއްތުތުއްތު ދެ ފުރާނައަށްޓަކައި އޭނާ ދިރިހުންނަން ބޭނުންވަނީއެވެ. ދިރިއުޅެން މަޖުބޫރެވެ. އެހެންކަމުން އޭނާގެ ހުރިހައި އުފަލެއްކަމުގައި ބެލީ އެ ތުއްތުތުއްތު ދެ ދަރިންނެވެ. އޭނާގެ އުންމީދަކަށްވީ އެ ދެ ދަރިން ހެޔޮގޮތުގައި ބަލައިބޮޑުކުރުމަށެވެ.
އޭނާގެ ޢަޒުމަކަށްވީ ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް، އެ ދެ ދަރިންނަކީ މުސްތަޤުބަލުގައި އޭނާގެ ޙަޔާތަށް އަލިކަމެއްދޭނެ ދެ ”ތަރި“ ކަމަށް ވުމަށެވެ.
ދުވަސްތައް ވޭތުވަމުންދެއެވެ. ލޯބިލޯބި ދެ ދަރިން ދުޅަހެޔޮ ޞިއްޙަތެއްގައި ބޮޑުވަމުންދެއެވެ. އޭނާގެ ދަރިން ބެލުމަށްޓަކައި، ގޭގެއަށްގޮސް ގުލާނުކޮށްދީ އެ ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދެއެވެ.
ބަނޑުގައި ހޫނުކަމުގައި ހުންނަން ޖެހުނަސް އޭނާގެ ވާޖިބެއްކަމުގައިދުށީ އޭނާގެ ދަރިންގެ ބަނޑުފުރާނަމުއްތިކޮށްދިނުމެވެ. ރާޅުވެފައިވާ ތަޅުންމަތީ ނިދަންޖެހުނަސް، އޭނާ ބެލީ އޭނާގެ ދަރިން އަރާމުގައި ނިންދެވޭތޯއެވެ.
ކަފާސްވެފައިވާ ހެދުންގަނޑެއް ލައިގެން އުޅެން ޖެހުނަސް، އޭނާ ބޭނުންވީ ދަރިންނަށް ރީތި ހެދުން ހޯދައިދެވޭތޯއެވެ. އޭނާގެ ހަށިގަނޑު އަނަރޫފަވަމުން ދިޔައިރު ވެސް، އޭނާ ބެލީ ދަރިން ސަމައްތަރުހެޔޮ ކުރެވޭތޯއެވެ. އަދި ކިއެއްތަ، ގިނީގައްޔާއި ފިނީގައި ވެސް، އެ ދަރިންނަށް ޢިލްމު ހޯދައިދިނުމަށްޓަކައި މަސައްކަތްކުރުމުގައެވެ.
ޒަމާން އޭގެ ކުލަތައް ދައްކަމުން ދުވަހަކަށްފަހު ދުވަހެއް، މަހަކަށްފަހު މަހެއް، އަހަރަކަށްފަހު އަހަރެއް ފާއިތުވެގެން ގޮސް، އޭނާގެ ޒުވާންކަމުގެ ކުލަ ފަނޑުވެގެން ހިނގައްޖެއެވެ.
ޒުވާންކަމުގެ އިރު އޮއްސި، މުސްކުޅިކަމުގެ ރަތްވިލާތައް ފެންނަން ފަށައިފިއެވެ. ހަމައެއާއެކު، އޭނާގެ ހާލަތު ދުވަހަކަށްވުރެ ދުވަހަކު ގޯސްވަމުން ގޮސް، އުނަގަނޑުންތިރީގައި ވާގިނެތި، ވާގިވެރިވާނޭ މީހަކުނެތި އެނދުތަންމަތި ވެއްޖެއެވެ.
އަޅައިލާނެ ޔާރެއް އިޔާރެއް ޕިޔާރެއްނެތި، އެކަނިވެރިކަންވެރިވެ ވޭނީ ސަފުޙާތައް ގުނަންޖެހިއްޖެއެވެ. ލޮލުގެ ކޮޔެއްފަދައިން، ބަލައިބޮޑުކުރި ދަރިންގެ ފަރާތުން، އެއްވެސް އަޅައިލުމެއް، ލޯތްބެއް، ރަޙުމެއް، ކުލުނެއް، ހަމްދަރުދީވުމެއް ނުލިބޭތަނުގައި، އެ ދަރީންގެ ފަރާތުން ލިބެނީ ވޭނާއި ކެކުޅުމާއި، މޮޅިވެރިކަމާއި ހިތާމަތަކެކެވެ.
އަމިއްލަ ނަފުސުގައި، ނަފުސު ތާހިރުކުރާނެ ބާރެއް ނެތުމުން އޮންނަންޖެހެނީ ކުޑަކަމުދާތަކެތިން ފޯވެގެންނެވެ. އެންމެ ކުޑަމިނުން ވެސް އަންހެންދަރީގެ ފަރާތުން ލިބޭ އެހީއަކީ، ދަމަކުން ބަޑިއެއްޖަހާހެން ނެޕީ ބަދަލުކޮށްލައިދިނުމެވެ.
އެހެންނަމަވެސް ސާފުނުވެވި ގިނައިރު އޮންނަންޖެހުމުން ފައިވަޅުގައްޔާއި މާކަޅުވާމަސްގަނޑުގައި ނަގާފައިވާ ފޮޅުތަކުގެ ވޭނުގައެވެ. ގައިންތާހިރު ނުވެވި، ފެނެއް ނުވެރި އެނދުމަތީގައި ތަތްތެޅިފައެވެ. އަރުތެރެ ތެންމައިލާނެ ފެންފޮދެއްނުލިބި ތަލިހިކިފައެވެ. ހާލަކުން ފަހަރަކު، ކަޅުސައިތައްޓަކާއި ، ދެތިން ބަނަސް ލިބުނުކަމުގައިވިޔަސް ގިނަވަގުތު ހޭދަވަނީ، ހައިހޫނުކަމުގައެވެ. ބަތާއި ރޮށްޓާއި، ރިހައާއި ގަރުދިޔައާއި، ކިރާއި ޖޫހާއި މިހިރަ މިހިރަ އެއްޗެއްސަކީ އޭނާއާއި އެތައްމޭލެއްގެ ދުރުގައިވާ އެއްޗެއްސެވެ.
މީގެ އިތުރުން، އޭނާގެ ”ކަންފަތް“ އަބަދުވެސް އަޑުއަހަމުންދަނީ ހަރުކަށި ބަސްތަކެވެ. އޭނާގެ ”ލޯ“ ބަލަމުންދަނީ ރުޅިވެރި މޫނެކެވެ. އޭނާގެ ”ހިތް“ ކުރަމުންދަނީ ހިތާމަވެރި އަސަރުތަކެވެ. ތަންމަތީގައި އޮވެ އޭނާގެ ”ދެ އަތް“ އެ ދިއްކުރަނީ އޯގާތެރިކަމުގެ ”އަތެއް“ ލިބުމުގެ އުންމީދުގައެވެ.މިއީމަންމައެއްގެ ހިތުގެއުދާހެވެ.

