ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވި ދެ މީހަކަށް ދިން ފަރުވާއިން އެ މީހުން ރަނގަޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ބެއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދެ މީހަކު މިހާރު އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ބައްޔަށް ނެގެޓިވް ވުމުން، އެމީހުން ހޮސްޕިޓަލުން ދޫކޮށްލުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލަތު ގޯސްވާ މީހުންނަށް ފަރުވާ ކުރުމަށް ހާއްސަކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫއެކެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ފެތުރޭނެ ކަމަށް ކުރިން އަންދާޒާ ކުރި މިންވަރަށް އެ ވައިރަސް ފެތުރެމުން ނުދާ ކަމަށެވެ.
އަމީން ވިދާޅުވީ ކޮރޯނާ ވައިރަހުން ރާއްޖެ ސަލާމަތް ވެވޭނެ ކަމަށް ކުރާ އުންމީދު ކަނޑަ ނުލާ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ސަރުކާރުން ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރޭނެ ކަމަށް ކުރިން ލަފާ ކުރި މިންވަރު ވަރަށް ބޮޑަށް މަޑުވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
”ރާއްޖެ މިކަމުން ސަލާމަތް ކުރުމަށްޓަކައި މިކަމަށް އޮތް އުންމީދު އަދިވެސް ކަނޑައެއް ނުލަން މިދިޔަ 14 ދުވަހުގެ ތެރޭގައި ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ފެތުރުމުގެ ނިސްބަތް އިރާދަކުރެއްވިއްޔާ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މަޑުންދާ ކަމަށް ގަބޫލު ކުރަން,“ އަމީން ވިދާޅުވި އެވެ.
ރާއްޖޭން ކޮރޮނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި ފަސް މީހަކަށް ބަލި ޖެހުނެވެ. ކުރެއްދޫ ރިސޯޓަށް ކޮވިޑް-19 ފެތުރުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. އެގޮތުގެ މަތިން 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ފަސް ދުވަސް ވަނީ ވެފަ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

