ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން މީހުން ކަރަންޓީން ކުރަން ނިންމާފައިވާ އިރު މީގެ ކުރިން ކަރަންޓީން ކުރަނީ ހަމައެކަނި މީހުން އައުން މަނާކޮށްފައިވާ ގައުމަކުން ނުވަތަ ސަރަހައްދަކުން އަންނަ ދިވެހިން އެކަންޏެވެ. އެ ނޫން ގައުމުތަކުން އަންނަ ދިވެހިން ދޫކޮށްލަނީ ހޯމް އައިސްލޭޝަނަށެވެ.
ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ބުނެފައިވަނީ، ވައިގެ މަގުން ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އަންނަ ހުރިހާ އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ.
ކަރަންޓީނު ކުރަން ނިންމި މީހުންގެ ތެރޭގައި ދިވެހިން އަދި އެކިއެކި ވިސާތަކުގައި ރާއްޖެ އަންނަ މީހުންވެސް ހިމެނޭނެ ކަމަށް އެ އެންގުމުގައި ބުނެ އެވެ.
އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން މިމަހު 12 ދުވަހު ސަރުކާރުން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އޭއާއެކު ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ގިނަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ގާނޫނުން ލިބިގެންވެ އެވެ.
ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތްގެ މި އެންގުމާއެކު ކުރިން މިކަމާ ގުޅޭ ގޮތުން މިމަހު 18 ވަނަ ދުވަހު ނެރުނު އެންގުން ބާތިލުވީއެވެ. ކުރިން ނެރުނު އެންގުމުގައި ބުނެފައި ވަނީ، ރާއްޖެއިން ފިޔަވަޅު ނާޅާ ހުރި ގައުމުތައް ނުވަތަ ސަރައްހަދުތަކުން އަންނަ ދިވެހިން ގޭގައި އެކަހެރި ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރުގެ އެންގުމާއެކު ބިދޭސީންވެސް އިސްތިސްނާ ނުވާނެހެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރުން މަޖުބޫރުވާނެ އެވެ.
މިހާރުވެސް ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަތަރު ރަށަކާއި ހޮޓަލެއް އަދި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަމުން އާދެ އެވެ. އެއީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އާއި ފަރުކޮޅުފުށީ، ވިލިވަރު، ވެލިދޫ އައިލެންޑް ރިސޯޓު އަދި ފަންއައިލެންޑް ރިސޯޓެވެ. މިހާތަނަށް 225 މީހުން ވަނީ އެތަންތަނުގައި ބައިތިއްބައިފަ އެވެ.
މިހާތަނަށް ރާއްޖެއިން 13 ބިދޭސީއަކު ވައިރަހަށް ޕޮޒިޓިވި އިރު، ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ވައިރަސް ފެނިފައެއް ނުވެ އެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

