ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އެ މީހުންގެ އަމިއްލަ ގައުމަށް ފޮނުވައިދޭން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވައިލުމުން އެއްވެސް ޑޮކިއުމެންޓެއް ނެތް ގިނަ އަދަދެއްގެ ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. އެހެންވެ އެ މީހުން އަނބުރާ ފޮނުވައިލާނީ ދިވެހި ސަރުކާރުގެ ޚަރަދުގައި ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ޑޮކިއުމެންޓް އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން ހޯދައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގައިވާދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޕާސްޕޯޓް ނަމްބަރު ނުވަތަ އައިޑެންޑިފިކޭޝަން ނަމްބަރު 7205648 އަށް މެސެޖް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފެށި މަސައްކަތުގައި މިހާތަނަށް 32،000 ބިދޭސީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ވައްދައިފަ އެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފަތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް، މާލޭގައި ބިދޭސީން އުޅޭ ތަންތަނާއި އެ މީހުން އުޅޭ ހާލަތު، މާލޭ ސިޓީ ކައުންސިލުންވެސްވަނީ ބަލަންފަށާފައެވެ.
އޭގެއިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ”އަތޮޅު މޮޑިއުލް“ ގެ ނަމުގައި ޕޯޓަލެއް ވަނީ ތައާރަފުކޮށްފައެވެ.

