ކޮރޯނާ ވައިރަސްއާއި ގުޅިގެން، ބާޒާރުން ލިބެން ދަތިވެފައިވާ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެފައިވާ ކަމަށް އޭޑީކޭއިން ބުނެފިއެވެ.
ހޮސްޕިޓަލް އަދި ކްލިނިކްތަކަކީ އަބަދުވެސް ސެނެޓައިޒާ ހަރުކޮށްފައި ހުންނަ ތަންތަނެވެ. ކޮންމެ ވޯކްވޭއެއްގައި ސެނެޓައިޒާ ދެ ފުޅި އާއްމުގޮތެއްގައި ހަރުކޮށްފައި ހުރެއެވެ. އަދި ކޮންސަލްޓޭޝަން ރޫމްތަކާއި ވެއިޓިން އޭރިއާގެ ފާރުގެ އެކި ދިމާތަކުގައި ސެނެޓައިޒާ ހަރުކޮށްފަެި ހުރެއެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމުންދާއިރު އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ޑޮކްޓަރުން ދެއްވާ އިރުޝާދަކީ ރަނގަޅަށް އަތް ދޮވުމަށްފަހު ސެނެޓައިޒާ ބޭނުން ކުރުމެވެ. ނުވަތަ ގޭތެރެއާއި ބޭރުތެރޭ އާއްމުކޮށް އުޅޭއިރު ސެނެޓައިޒާ ބޭނުން ކުރުމެވެ.
ރާއްޖޭގެ އެކި ފިހާރަތަކުން ސެނެޓައިޒާ ލިބުން ދަތިވެ، ސެނެޓައިޒާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ގިނަ ބަޔަކު ދަނީ ސެނެޓައިޒާ ނުލިބިގެން އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.
އޭޑީކޭގެ ފާރުތަކުގައި ހަރުކޮށްފައި ހުންނަ ސެނެޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެ އެކަމުގެ ކަންބޮޑުވުން ހޮސްޕިޓަލުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ހޮސްޕިޓަލުގެ ބޭސްފިހާރައާއި ވީ ފަޅީ ކޮންސަލްޓޭޝަން ރޫމާއި ދިމާލުން ގޮނޑިބަރީގައި އިން ފިރިހެނެއް ސެނެޓައިޒާ ފުޅިއެއް ނަގާ ދަބަހަށްލާތަން ފެންނަ ސީސީޓީވީ ފުޓޭޖު އޭޑީކޭއިން ވަނީ އާއްމުކޮށްފައެވެ. އެ ފުޅި ވަގަށް ނަގާ މީހާ ހުންނަނީ މާސްކެއް އަޅައިގެންނެވެ. އަދި އެ ވަގުތު އެނާ ނޫން އިތުރު މީހަކު އެތަނުން ފެންނާކަށް ނެތެވެ.
https://twitter.com/ADKHospital/status/1241270406369005569
އޭޑީކޭ އިން ބުނީ ހޮސްޕިޓަލުގެ އެކި ތަންތަނުގައި ސެނިޓައިޒާ ފުޅި ހަރުކޮށްފައި ހުންނަނީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ހުރިހާ އެންމެނަށް ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ގިނަ އަދަދެއްގެ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާކަން ފާހަގަކުރެވެމުން ދާ ކަމަށެވެ. އޭޑީކޭ އިން ހާމަކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުން، ސެނިޓައިޒާ ފުޅި ފާރުގައި ހަރުކުރާ ބޭނުންކުރާ ސްޓޭންޑު ވެސް ހުރީ ނަގައިގެން ގެންގޮސްފަ އެވެ.
އޭޑީކޭ އިން ވަނީ ސެނެޓައިޒާ ލިބެން ނެތުމުން އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވަމުން އަންނަކަން ގަބޫލު ކުރާކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލެއްގައި ބަހައްޓާފައި ހުންނަ ފުޅިތައް ނުނެގުމަށް އެ ހޮސްޕިޓަލުން އެދުނެވެ. އަދި އާއްމުން މިއަށްވުރެ ޒިންމާދާރުވުމަށް އޭޑީކޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
https://twitter.com/ADKHospital/status/1241270408432603137

