ބޭރު ގައުމުތަކުގައި ތިބި ދިވެހިންނާއި، އަދި ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ހަލުވިކަމާއި އެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާއިރު، ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް އެނބުރި ދަތުރު ކުރާ އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް އެ މިނިސްޓްރީއާ، ބޭރު ގައުމުތަކުގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތަކުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ދުނިޔެގެ ގައުމުތަކަށް ދިމާވެފައިމިވާ ހާލަތުގެ ސަަބަބުން، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ދަތިތަކެއް ވަމުންއަންނަކަން ފާހަގަކޮށް ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ދިވެހިންނަށް ވީ ވަރަކުން ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަަދި ދިވެހިންނަށް ދިމާވާ ކަންތަކާއި ގުޅޭގޮތުން ބޭނުންވާ މައުލޫމާތުތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ. އަދި އެ ދަތިތައް ހައްލު ކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތްތައް އާއްމުން ގަބޫލު ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީއިން ވަނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓާ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ފޮރިން މިނިސްޓްރީ އަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ފޮރިން މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭރު ގައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމެއްގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

