ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުއިއްޒު އުފައްދަވަމުން ގެންދަވަނީ އިންގިލާބެއް، ރައްޔިތުން އިންގިލާބަށް ނުކުންނާނެ: ރައީސް ނަޝީދު

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރާ ދެކޮޅު އިންގިލާބެއް ކަމަށާއި ރައްޔިތުން އެ އިންގިލާބަށް ނުކުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރޭ ބޭއްވި އެމްޑީޕީގެ ”ވަޒީފާ ބުރާސްފަތި“ މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ ރައްޔިތުންގެ ތަނަވަސްކަން ހޯދައިދިނުން ކަމަށާއި ތަނަވަސްކަން ގުޅިފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން އައީ ވެސް ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރަން ކަމަށް ވިދާޅުވިއެވެ.

ގާނޫނުއަަސާސީގައި ވެސް ވަޒީފާއާ ގުޅޭ ހައްގުތަކުގެ އަސާސީ އުންސުރުތައް ކަނޑައެޅިފައި އޮންނަކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކާއެކު އަބަދުވެސް އެމްޑީޕީން ދެމިތިބެ އެ މީހުންގެ ހައްގުގައި އަޑުއުފުލާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް ކަމަށެވެ. އަދި ރައްޔިތުން އެ އިންގިލާބު ގެންނަން ނުކުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެ ބޭފުޅާ އެ އުފައްދަވަމުން އެ ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް. ދިވެހިރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނުކުންނާނެ. އެ ރައްޔިތުން އެ މީހުންގެ ހައްގުގައި އަދާކުރަންޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުން ގެންދާނެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެ މީހުންނާ އެކީގައި ރާއްޖޭގެ ރައްޔިތުންނާ އެކީގައި ތިބޭނެ.“ ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ މުއައްސަސާއެއް ކަމަށާއި އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އަޑުއުފުލުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވިއެވެ.

އިހުތިޖާޖުގެ ކުރިން އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެގެން ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބި 80 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ބާވަތުގެ ފިޔަވަޅުތައް އަޅައިފައެވެ. އަދި އޭގެ ތެރެއިން 60 މީހުންގެ މައްސަލަ އެ ޕާޓީން ގާނޫނީ އެހީތެރިކަން ދީގެން ޓްރައިބިއުނަލަށް ވަނީ ހުށަހަޅައިފައެވެ. މިދިޔަ ހަފްތާގައި އެކަނި ވެސް އެފަދަ 10 މައްސަލައެއް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެފަދަ ސަބަބުތަކާ ހެދި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ސިޔާސީ ފިކުރަށް ބެލުމެއް ނެތި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރޭ 8:30 ގައި ރަސްފައްނު ސަރަހައްދުން ފެށި އިހުތިޖާޖު ނިންމާލީ ސުލްހަވެރިކަމާއެކު އާޓިފިޝަލް ބީޗު ސަރައްދުންނެވެ. އިހުތިޖާޖުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކޮށް އެމްޑީޕީގެ އިސްފަރާތްތަކާއި އާންމު މެމްބަރުން ވަނީ ޝުއޫރު ފާޅުކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: