ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ ހަނގުރާމައިގެ ކޮޅިގަނޑެއްގެތެރޭގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިޒަމާނުގައި ހަނގުރާމައަކީ، ހަމައެކަނި ކަނޑިބަޑި ހިފައިގެން ކުރާއެއްޗެއްނޫނެވެ. ހަނގުރާމައިގެ ވެސް އެތައް ވައްތަރެއްހުރެއެވެ. މި ގޮތުން ބަލާއިރު، ދިވެހިރާއްޖެ މިއަދު އޮތީ ޗައިނާގެ ވޫހާންއިން ފަށާފައިވާ ހަނގުރާމައިގެ ގަދަ ކޮޅިގަނޑުގެތެރޭގައެވެ. ފެންނަ މަންޒަރުތަކުން ސިފަވަނީ، މި ހަނގުރާމައިގެ ކޮޅިގަނޑުގައި އަމާންކަމުގެ އައްސޭރިއަށް ވާސިލުވުންވަނީ ވަރަށް ވެސް ދުރުގައިކަމެވެ. ދަންނަވަން މި އުޅެނީ، މުޅި ދުނިޔެ އެއާއި ހަނގުރާމަކުރަމުންދާ ކޯވިޑް-19 ގެ ވާހަކައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޯވިޑް-19 އާއި ކުރަމުންދާ ހަނގުރާމައަށް ނިމުމެއް އަންނަން އުޅޭކަމުގެ ކޮޅުމަތި މިހާތަނަށް ފެނިފައެއްނުވެއެވެ. މި ހަނގުރާމައިގައި، ދުނިޔެ ދޫކޮށްދާ މީހުންގެ ހަށިތަކުން ދުނިޔެ މިވަނީ ފުރައިލާފައެވެ. މި ހަނގުރާމައިގައި ޒަޚަމުވަމުންދާ މީހުންނަށް ފަރުވާދޭން ދުނިޔެ މިވަނީ ނުކުޅެދިފައެވެ. ގޮތް ހުސްވެފައެވެ.

މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް، ތަފާސްހިސާބުތަކަށް ބަލައިލާއިރު، ދުނިޔޭގެ 195 ޤައުމަކުން، 382،567 މީހުންނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، މި ބަލީގައި މިހާތަނަށް 97 ޤައުމަކުން، 16،578 އަށްވުރެ ގިނަ މީހުން، މި ދުނިޔެ ދޫކޮށްފައިވެއެވެ. ބަލިޖެހޭމީހުންނާއި، ބަލީގައި މަރުވާމީހުން ދުވަހަކަށްވުރެ ދުވަހަކު މިދަނީ ގިނަވަމުންނެވެ. މާޗް 1 ވަނަ ދުވަހާއި ހިސާބަށް މުޅި ދުނިޔެއިން ފެނިފައިވަނީ، ކޯވިޑް-19 އިގެ 88،585 ކޭސްއެވެ. ނަމަވެސް ވޭތުވެދިޔަ 23 ދުވަހުގެތެރޭގައި ޖުމްލަ 290،275 ކޭސް ފެނިފައިވެއެވެ. މިއަދުގެ މިހާތަނަށް، 7550 ކޭސް ފެންމަތިވެފައިވާއިރު، 240 މީހުން ވަނީ މަރުވެފައެވެ. މި އިން ވެސް އަންގައިދެނީ، މި ބަލީގައި ހުރި ނުރައްކާތެރިކަމެވެ. މި ހަނގުރާމައިގައި ހުރި ވަރުގަދަކަމެވެ.

ދުނިޔޭގެ ބޮޑެތި ޤައުމުތައް މިއަދު މިވަނީ އިސްޖެހިފައެވެ. ކޯވިޑް- 19 އާއި ހަނގުރާމަކުރަން ފަސްޖެހިފައެވެ. މި ގޮތުން ބަލާއިރު، މިހާރު މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމުތަކަކީ، ޗައިނާ ފިޔަވައި، އިޓަލީވިލާތާއި އެމެރިކާ، ޖަރުމަނުވިލާތާއި ސްޕެއިން، ފަރަންސޭސިވިލާތާއި އީރާން، ދެކުނު ކޮރެއާއާއި ސްވިޒަލޭންޑް، އިނގެރޭސިވިލާތާއި ނެދަލޭންޑްސް، އޮސްޓްރިއާއާއި ބެލްޖިއަމް، ނޯވޭއާއި އޮސްޓްރޭލިއާ، ކެނަޑާއާއި ސްވިޑްން، ބްރެޒިލްއާއި އިސްރާއީލް ފަދަ ޤައުމުތަކެވެ. މި ހުރިހައި ޤައުމުތަކަކީ ވެސް، ދުނިޔޭގެ ތަރައްޤީގެ ހަރުފަތުގެ އެންމެ އުހަށް ދަތުރުކޮށްފައިވާ، އަދި ކިއެއްތަ ދަތުރުކުރަމުންދާ ޤައުމުތަކެވެ. ވަޞީލަތްތަށް އެންމެ ގިނަ ޤައުމުތަކެވެ. މި ގޮތުން ބަލާއިރު، އަޅުގަނޑުގެ ލޮލުގައި މިހާރު އެންމެ ބޮޑަށް އަޅައިގަންނަނީ، އިޓަލީގެ ހާލަތެވެ. އިޓަލީގައި މިހާތަނަށް 63،927 މީހުންނަށް މި ބަލީގެ ޝިކާރައަކަށްވެފައިވެއެވެ. 6077 މީހުން މި ބަލީގައި ދުނިޔެއާއި އަލްވަދާޢުކިޔައިފިއެވެ. އެކްޓިވް ކޭސްތަކުގައި 50418 މީހުން ތިބިއިރު، ސީރިއަސް ކްރިޓިކަލްގައި 3204 މީހުން މިހާރު ވެސް އެބަތިއްބެވެ.

އިޓަލީއަކީ ތަރައްޤީގެ ދުވެލީގައި ހަލުވިކަމާއެކު ދަތުރުކުރަމުން އަންނަ ޤައުމަކަށްވާއިރު، އަދި ވަޞީލަތްތައް ގިނަ ޤައުމަކަށްވާއިރު، ކޯވިޑް-19 އާއި ހަނގުރާމަކޮށް ފަތަޙަނުލިބިގެން އެ އުޅެނީ ކީއްވެގެންކަމާމެދު ނަފުސާ ސުވާލުކޮށްލުމަކީ މުހިންމު ކަމެކެވެ. ނޫންނަމަ ކުރިމަތިވެފައިވާ މި ނުރައްކާތެރި ހަނގުރާމައަށް ލުޔެއް ނުލިބިގެން އެ އުޅެނީ ކީއްވެގެންކަމާމެދު ސުވާލުކޮށްލުމަކީ މުހިންމު ކަމެކެވެ. ވަރަށް ވެސް ބޮޑު ތެދެކެވެ.

މާތްﷲ ކަމެއް މިންވަރުކުރެއްވުމުން، ފިލަން ދުވާނޭ އެއްވެސްތަނެއް ނޯންނާނެއެވެ. އެހެނެއްކަމަކު ސަބަބުތަކުގައި ހިފުމަކީ އިންސާނުންނަށް ކުރެވިދާނެ ކަމެކެވެ. އަދި އެއީ އަންގަވާފައިވާ ގޮތް ވެސް މެއެވެ. އިޓަލީން މިހާރު ކޯވިޑް-19 އަށް ގިނައިން ޕޮޒިޓިވްވަނީ، ތަނުގެ ޤަވާއިދުތައް އެއްކިބާކޮށް މަގުމަތީގައި ނިކުމެ އުޅޭ ޒުވާނުންނެވެ.

ދެން އޮތީ މި ޤައުމުގެ ޙާލަތެވެ. ކޯވިޑް-19 އާއި ގުޅިގެން، މި ޤައުމުގައި ސަރުކާރުންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މަދަރުސާތަކާއި، ޓިއުޝަން ކުލަސްތަކާއި، ޤުރުއާން ކުލާސްތައް މިއަދު މިވަނީ ބަންދުކުރެވިފައެވެ. މާލެއާއި، ވިލިމާލެއާއި، ހުޅުމަލޭގެ މިސްކިސްތައް ބަންދުކޮށް ޖަމާޢަތުގައި ނަމާދުކުރުން މިވަނީ ހުއްޓައިލާފައެވެ. ޕާކުތަކާއި މައިޒާންތަކާއި ގިނަމީހުން ޖަމާވެ އުޅޭ ތަންތަން މިވަނީ ބަންދުކޮށްފައެވެ. ކެފޭތަކައި ރެސްޓޯރެންޓްފަދަ ތަންތަން ހުޅުވުން މިވަނީ މަނާކޮށްފައެވެ. ރިސޯޓުތަކުން މީހުން ފޭބުން މިވަނީ މަނާކޮށްފައެވެ. އެކްސްކާޝަންގެގޮތުގައި ކުރާ ދަތުރުތައް ހުއްޓައިލުމަށްވަނި އަންގާފައެވެ. ސަރުކާރު އޮފީސްތައް ބަންދުކުރެވި މުވައްޒަފުން ގޭގައި ތިބުމަށްވަނީ އިލްތިމާސްކުރެވިފައެވެ. އިމްތިޙަނުތަކާއި އިންތިޙާބުތައް މިވަނީ ފަސްކޮށްފައެވެ. ޒަރޫރީ ބޭނުމެއް ފިޔަވައި މަގުތަކުގައި އުޅުން މިވަނީ މަނާކޮށްފައެވެ.

މި ހުރިހައި ފިޔަވަޅުތަކަކީ ވެސް ރައްޔިތުންއެދޭ ފަދައިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކެކެވެ. ތަންތަން ބަންދުނުކޮށްގެން ރައްޔިތުން އަޑު އުފުލައި، މީސްމީޑިއާގައި ފާޅުކުރި ޚިޔާލުތަކަކީ މީގެ ހެއްކެކެވެ. އެހެންނަމަވެސް ސަރުކަރުން އަޅަމުންދާ މި ފިޔަވަޅުތަކަށް ބޯލެނބުމުގެ ބަދަލުގައި، ގިނަ ދިވެހީންގެ އާދައަކީ އެއާއި ޚިލާފުވުމެވެ. މިއަދު ފެންނަމުން މިދަނީ އެފަދަ މަންޒަރުތަކެކެވެ. ގިނަ ދިވެހިން މިވަނީ ސައިންޓިސްޓުންނަށް ވެފައެވެ. ޕްރޮފެސަރުންނަށްވެފައެވެ. ޑޮކްޓަރުންނަށް ވެފައެވެ. މި ޤަވާއިދުތަކަށް ބޯނުލަނބައި އުޅޭ ދިވެހީން ދެކޭގޮތުގައި، މި ބައްޔަކީ އެހާ ނުރައްކާތެރި ބައްޔެއްނޫނެވެ. ބޭރު ޤައުމުތަކުގައި ބަލި ފެތުރެމުންދާ ނިސްބަތަށްބަލައި، މި ޤައުމުގައި ބަލި ފެތުރޭނީ ވަރަށް ވެސް ކުޑަކޮށްކަމެވެ.

މި ހިސާބުތަކަކީ، ކޮން ނަޒަރަކުން ވިސްނައިގެން ހަދާ ހިސާބުތަކެއްކަމާމެދު އަޅުގަނޑު ހައިރާންވާހާވެއެވެ. ބަހުސަކަށް ޖާގައެއްނެތެވެ. ބަލިޖެހޭނީ ކިތައް މީހުންނަށްކަމެއް، ބަލި ފެތުރޭނީ ކިހާ ހަލުވި މިނެއްގައިކަމެއް، ބަލިޖެހޭނީ ކޮންއިރަކުކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހެންނޫންނަމަ، ޗައިނާ މީހުންނަށް ވެސް، އެކަން އެނގުނީސް ނޫންހެއްޔެވެ. ގަދަފަދަ އިޓަލީ މީހުންނަށް ވެސް އެނގުނީސްނޫންހެއްޔެވެ. މި ހަނގުރާމައިގެ ކޮޅިގަނޑުގައި ދިވެހިރާއްޖެއަށް ކުރިމަތިވާނީ ކިހާވަރެއްގެ ނުރައްކަލެއްކަމެއް ވެސް ނޭނގޭނެއެވެ. އެކަމަކު ވެސް އެނގޭހައި އެއްޗަކީ، އެ ނުރައްކަލުގެ އަސްލަކީ، ކުރެވޭ ޢަމަލުތައްކަމެވެ. އެނގޭހައި އެއްޗަކީ، އެބަޔަކުގެ ހާލަތު އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާންދެން މާތްﷲ އެބައެއްގެ ހާލަތު ބަދަލުނުކުރައްވާކަމެވެ. އެހެން ކަމުން އަޅުނޑުމެން މި ހަނގުރާމައުގެ ކޮޅުގަނޑުން ސަލާމަތް ކުރުމުގެ ހުރިހައި ބާރެއްވެސް އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: