މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ”ޖޮބް ބުރާސްފަތި“ އިހުތިޖާޖަށް ދިޔުމުން ސްޓެލްކޯގެ ދުވަސްވީ އިލެކްޝްރީޝަނެެއް ކަމަށްވާ މުހައްމަދު މާސިހު ވަޒީފާއިން ވަކިކޮށްފިއެވެ.
ސިޔާސީ ފިކުރަށް ބަލައި ދައުލަތުގެ ކުންފުނިތަކުންނާއި ސަރުކާރުގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިވި މާސިހު އަކީ 2017 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި މަސައްކަތްކުރަމުން ދިޔަ އިލެކްޓްރީޝަނެކެވެ. ސްޓެލްކޯގައި މަސައްކަތްކުރާތާ ނުވަ އަހަރު ވެފައިވާ މާސިހަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ހަވާލުކުރީ އިއްޔެއެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވިި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާތީ ކަމަށާއި އެއީ ވަޒީފާގެ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
މާސިހުއަކީ ބެޗެލާސް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން ހާސިލުކޮށްފައިވާ ކޮލިފައިޑް އިލެކްޓްރީޝަނެއްކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ ބިރުވެރިކަމާއި އަނިޔާ، ”މަގުބޫލަން ގެއްލިފައިވާ ރައީސް މުއިއްޒުގެ“ ވެރިކަމާއެކު ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ގެންދަވަނީ އިންގިލާބެއްގެ ތުންފަތް މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.
މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެކްސްގައި ވިދާޅުވީ، މާސިހު ސްޓެލްކޯގައި މަަސައްކަތް ކުރާތާ ގާތްގަނޑަކަށް 10 އަހަރުވެފައިވާއިރު، އޭނާ އިސްލާހީ މަސައްކަތުގައި އުޅޭތާ ވެސް އެހާ ދުވަސް ވެދާނެ ކަމަށެވެ. އަދި އޭނާ މުޒާހަރާއަށް ނުކުތީ ވަޒީފާއިން ވަކިކުރި އެހެން ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށް އީވާ ވިދާޅުވިއެވެ.
ސިޔާސީ ފިކުރަށް ބަލައި ސަރުކާރުގެ ކުންފުނިތަކުންނާއި އެހެނިހެން ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދާކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ އެފަދަ ހާލަތްތަކާ ކުރިމަތިލާން ޖެހޭ މުވައްޒަފުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ސިޔާސީ ފިކުރަށް ބެލުމެއް ނެތި ފޯރުކޮށްދޭނެ ކަމަށެވެ.
”ޖޮބް ބުރާސްފަތި“ އިހުތިޖާޖުގެ ކުރިން އެ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، އެހާތަނަށް އެފަދަ 80 މައްސަލައެއް ޕާޓީއަށް ލިބިފައިވާ ކަމަށާއި، އެ މައްސަލަތަކުގެ ތެރެއިން 60 މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ކަމަށެވެ.

