ދިވެހިރާއްޖޭގައި ގާއިމުކުރަމުންދާ ޑިޖިޓަލް ގަވަނަންސް ނިޒާމަކީ ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް އެއް ސާވަރެއްގެ ތެރޭގައި ރައްކާކުރެވި، އޭގެ ނުރައްކާ ބޮޑު ގޮތަކަށް ބައްޓަންކޮށްފައިވާ ނިޒާމެއްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ބިލުގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އިހުތިޔާރުކޮށްފައިވާ އެސްޓޯނިއާގެ މޮޑެލްއަކީ ސެންޓްރަލައިޒްޑް ނުވަތަ ހުރިހާ މައުލޫމާތެއް އެއްތަނަކަށް ޖަމާކުރާ ނިޒާމެއް ކަމަށެވެ. މީގެ ސަބަބުން މީހެއްގެ އައިޑެންޓިޓީ ހޯދައިގަންނަ ފަރާތަކަށް އެމީހެއްގެ ބޭންކު އެކައުންޓުގެ މައުލޫމާތާއި، ސިއްހީ މައުލޫމާތު ފަދަ ހުރިހާ ކަމެއް އެނގިގެންދާނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.
މުޅި ނިޒާމު ވަނީ މިނިސްޓަރަށް ބާރޯސާވެފައިކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ މަޖިލީހުގެ އޯވަސައިޓެއް ނެތްކަމަށެވެ. އަދި
އެއް ޑޭޓާބޭސްއެއްގައި ހުރިހާ މައުލޫމާތެއް ހުރުމުން، މިނިސްޓަރ ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތެއްގެ ހުރިހާ ޒާތީ މައުލޫމާތެއް ހޯދޭނެކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ނިއުޒިލޭންޑް ފަދަ ގައުމުތަކުގައި ގެންގުޅޭ ”އައިޑެންޓިޓީ ވޮލެޓް“ މޮޑެލްއަށް ފާޑުކިއުން އަމާޒުކުރައްވައި ޝަމްހީދު ވިދާޅުވީ، އެ ގައުމުތަކުގައި މައުލޫމާތު ރައްކާކުރަނީ އެކި ސާވިސް ޕްރޮވައިޑަރުން މެދުވެރިކޮށްކަމަށާއި، އޭގެ ސަބަބުން އެއްތަނަކުން ހުރިހާ މައުލޫމާތެއް ލީކުވުމުގެ ބިރު ކުޑަވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު އޮތީ ރިސްކު ބޮޑު ނިޒާމެއްކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ޝަމްހީދު ވަނީ މި މަޝްރޫއަށް ކުރާ ހަރަދުތަކާއި މެދުވެސް ސުވާލު އުފައްދާފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ބަޖެޓުން ފޮތުގައި ނުޖަހައި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ މިފަދަ ނިޒާމަކަށް ހޭދަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓްރޭޑް ނެޓް މެދުވެރިކޮށް ހޭދަކުރި މި ފައިސާއިން ލިބުނު ހިދުމަތަކީ ކޮބައިކަން މިއަދާ ހަމައަށް ވެސް ސާފުނުވާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

