ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީ ކައުންސިލުތަކަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުއަކީ 5 އަހަރުން 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. އަދި މި މަޝްރޫޢު އިފްތިތާޙް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތިމާވެށި ދުވަހުއެވެ. މިހާތަނަށް 5.8 މިލިއަނަށް ވުރެ ގިނަ އަހުދު ލިބި، 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވެއެވެ.
މި ހިނގާ 2026 ވަނަ އަހަރުގެ އަމާޒަކަށް ވެފައިވަނީ އިތުރު 1 މިލިއަން ގަސް އިންދުމެވެ. ދެމެހެއްޓެނެވި ގޮތެއްގައި ގަސް އިންދުމުގެ މަސައްކަތް ކުރުމަށް އުމްރާނީ ވަސީލަތް ތަރައްޤީ ކުރުމަށް ޚާއްސަ ސަމާލުކަމެއް މި މަޝްރޫޢުގެ ދަށުން ދެވިގެންދާނެއެވެ.
އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ތަރައްޤީކުރުމަށް ރައޫސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވައި، އެ މަސައްކަތުގެ ފުރަތަމަ ބުރުގައި 10 ރަށާއި އެކީ ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށަކީ:
ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ އަދި ގދ. ތިނަދޫ ސިޓީ
މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްޤީ ކުރުމަށް 500,000 (ފަސްލައްކަ) ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެއެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.
އަންދާޒާކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެއެވެ. މީގެ އިތުރުން، މި ނާސަރީތަކުގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫއު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިންގ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ނާސަރީތަކަކީ ދިގު މުއްދަތަކަށް ރަށާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތްތަކެކެވެ. މީގެ ސަބަބުން ރަށު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، އިޤްތިޞާދީ ގޮތުން ރަށްރަށަށް ކުރިއެރުން ލިބޭނެއެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު ރަށްތަކެއްގައި ނާސަރީ ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

