ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޕީސީއާރު ޓެސްޓު ހަދައިދިން ދެ ކުންފުންޏަކުން 20 މިލިއަން ރުފިޔާގެ ޓެކުހަށް މަކަރު ހެދި މައްސަލައިގެ ޝަރީއަތް ފަށަނީ

ކްރިމިނަލް ކޯޓް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދިން ދެ ކުންފުންޏަކުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓެކުހަށް މަކަރު ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީއަތް އަންނަ ހަފްތާގައި ކްރިމިނަލް ކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެ ކުންފުނިތަކުގެ ހިއްސާދާރުން ކަމަށްވާ މަޝްހޫރު ދެ ޑޮކްޓަރުން ކަމުގައިވާ ޑރ. އިކްލީލް ޝަރީފާއި ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށެވެ.

މީގެ އިތުރުން، މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ފަރާތްތަކުން 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް މީރާއަށް ހުށަހެޅި ޓެކްސް ބަޔާންތަކުގައި އާމްދަނީ އޮޅުވާލައި، ޖުމްލަ 20,200,401 (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް) ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވެއެވެ.

ކުރެވިފައިވާ ދައުވާތަކުގެ ތަފްސީލް:

  • އައިލެންޑް ހެލްތް ސޮލިއުޝަންސް: ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ 3 ދައުވާ އަދި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާއެއް.
  • ޕައިނިއާ މޯލްޑިވްސް: ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ 2 ދައުވާ.
  • ޑރ. ޢަލީ ޢަބްދުﷲ ލަޠީފް: ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ 3 ދައުވާ.
  • ޑރ. އިކްލީލް ޝަރީފާއި ޢަލީ ފަޔާޟް: ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ 5 ދައުވާ.

ޕީޖީ އޮފީހުން ބުނީ މި ކުށްތައް ސާބިތުވެއްޖެ ނަމަ، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނަ ކަމަށްވާ 40,400,802 (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމަށާއި، ވަކިވަކި މީހުންނަށް ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

މީރާގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ޕީސީއާރު ޓެސްޓު ކުރުމުގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގާ ”ޕާލް މެޑިކަލް ސެންޓަރު“ އިން ލިބުނު ބޮޑު އާމްދަނީއެއް ވެސް މީރާއަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ޑރ. އިކްލީލަކީ މި ދެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާއިރު، ޑރ. ޢަލީ ލަޠީފަކީ ކޮވިޑް ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: