”ބޮޑު ބަދަލު“ އިސްލާހީ އެޖެންޑާއަށް އެމްޑީޕީގެ ތެރެއިން ތާއީދު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިގޮތުން ޕާޓީގެ މެންބަރުންނާއި އިސްވެރިންނާ މަޝްވަރާކޮށް، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަނަ ގަސްތުކުރާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީއަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި ”ސަންގު“އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ކުރީގެ ރައީސް އަދި ޕާޓީގެ މިހާރުގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހީ އެޖެންޑާއަށް ޕާޓީގެ އިސް ފަރާތްތަކާއި ދުވަސްވީ މެންބަރުންގެ ތާއީދު ލިބޭނެތޯ ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ، އެ ހުށަހެޅުންތައް ފާސްވުމާއި ނުވުން ބިނާވެފައި އޮންނާނީ ޕާޓީގެ އެތެރޭގައި ކުރެވޭ މަޝްވަރާތަކާއި، މެންބަރުންނާއި ލީޑަޝިޕުން އެކަމަށް ދޭ ތަރުހީބެއްގެ މައްޗަށް ކަމަށެވެ.
ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި ”ބޮޑު ބަދަލު“ގެ މަފްހޫމަކީ މިހާރު ޕާޓީގެ ތެރޭގައި އާއި އާންމުންގެ މެދުގައި ފުޅާދާއިރާއެއްގައި ވާހަކަދެކެވޭ ކަމެކެވެ. އަދި މިއީ ވަކި މީހެއްގެ ފިކުރެއް ނޫން ކަމަށާއި، ޕާޓީގެ ކުރިމަގާ މެދު އެއްގޮތަކަށް ވިސްނާ ގިނަ ބައެއްގެ މެދުގައި މީގެ ކުރިންވެސް އޮތް ވިސްނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”މި މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށް. މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޕާޓީގެ ތެރޭގައި މަޝްވަރާކޮށް، އާންމު މެންބަރުންނާއި ލީޑަޝިޕް މިކަމުގައި ބައިވެރިކުރުމަށް.“ ފައްޔާޒު އިސްމާޢީލް ވިދާޅުވިއެވެ.
އިސްލާހީ ބަދަލުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބަލަނީ އެމްޑީޕީ އުފެދުނު އަސާސްތަކާއި މަގުސަދުތަކުގެ މައްޗަށާއި، މިއަދު ރައްޔިތުން ޕާޓީގެ ފަރާތުން ބޭނުންވާ ކަންކަމުގެ މައްޗަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދުނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ރައްޔިތުންގެ އަޑު އުފުލައިދިނުމަށެވެ. އެ މަގުސަދުތައް ހާސިލުކުރުމުގައި ދެމިތިބުމަށް ޓަކައި ބަދަލުތަކެއް ގެނައުމަކީ މުހިންމު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ގިނަ ބަޔަކު އިސްލާހީ ބަދަލުތަކަށް ބޭނުންވެފައިވާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައިވެސް އެކަން ވަރަށް ސާފުކޮށް ފެނިގެންދިޔަ ކަމަށެވެ. އަދި މި ބަދަލުތައް ހުށަހެޅުއްވި ކެންޑިޑޭޓަށް ޕާޓީގެ މެންބަރުންނާއި ލީޑަޝިޕްގެ ތެރެއިން ލިބުނު ބޮޑު ތާއީދަކީ، ޕާޓީގެ ތެރޭގައި ބަދަލަކަށް އޮތް ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ޗެއާޕާސަންގެ އިންތިހާބުގައި ވެފައިވާ މައިގަނޑު ދެ ވައުދެއް މިހާރުވެސް އޮތީ އެޖެންޑާގެ ކުރީގައެވެ. އެއީ ”ބޮޑު ބަދަލު“ އިސްލާހީ މަސައްކަތާއި، ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އޮފީސްތައް ގާއިމުކުރުމެވެ. މިހާރުވެސް ދެ އޮފީހެއް ގާއިމުކުރެވި، މި މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން އޮތް މަރުހަލާއަކީ މި އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން ޕާޓީގެ މެންބަރުންނާއި އިސްވެރިންނަށް މައުލޫމާތު ދިނުމަށް ސެމިނާރތަކާއި ވޯކްޝޮޕްތައް ބޭއްވުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ބަދަލުތަކާ ގުޅޭގޮތުން ޕާޓީގެ އެތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގިނަ ބައެއްގެ ތާއީދު ހޯދުމެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، މި އިސްލާހީ އެޖެންޑާއަށް ޕާޓީގެ އެތެރޭގައި އެއްބަސްވުމަކަށް އައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި ޕާޓީގެ މެޖޯރިޓީ މެންބަރުންނާއި ލީޑަޝިޕްގެ ތާއީދު ލިބުމާއެކު، މި އިސްލާހީ ބަދަލުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

