އެމްޑީޕީގެ ސަރުކާރުގެ ޕްރޮޖެކްޓުތައް ކުރިޔަށް ނުގެންގޮސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓާލާފައި ވަނީ ”ފޮނި ބޮޑުކަމުގެ“ ސަބަބުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއަށް 21 އަހަރު ފުރުމާއި ދިމާކޮށް ”ސަންގު“ އަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގަ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އޮތް ގޮތާއި، މިހާރުގެ ތަފާތަކީ ކޮބައިތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު އިގްތިސާދު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެގޮތުން ޑޮލަރުގެ ރޭޓު 16 ރުފިޔާ ހިސާބުގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުން އިގްސާދީ އެއްވެސް ވިސްނުމެއް ނެތި ފިޔަވަޅުތައް އެޅުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި ސަރުކާރުން ވިޔަފާރިތަކާ މެދު އަނިޔާވެރިކޮށް އަމަލުކުރަމުންދާކަމަށް ވިދާޅުވި އެވެ.
މިސާލަކަށް އިގްތިސާދީ ހުރިހާކަމެއް މިކުރަނީ ދަރަނި ނަގައިގެން. އަމިއްލަ ވިޔަފާރިތައް ވެސް. ދަރަނި އަނބުރާ ދެއްކޭނެ ޕްލޭންތަކާ އެއްޗެހި ހުރެގެން އޭގެން އިގްތިސާދީ ނަފާތަކެއް ހޯދާނެ ގޮތެއް ހޯދައިގެން އެކަން ކުރަނީ. އަޅުގަނޑުމެން ފަށާފަހުރި ޕްރޮޖެކްޓްތައް ހުއްޓާލީ ފޮނި ބޮޑުވެގެން. އަޅުގަނޑުމެން ކޮށްފަހުރި ކަމެއް ވީމަ ނުކުރާންވެގެން. މިސާލަކަށް، ފެލިވަރުގަ ކޭނިން ފެކްޓްރީ.
ފައްޔާޒު ވިދާޅުވީ ދަރަނި ނެގުމަކީ އަމިއްލަ ވިޔަފާރިތަކުން ވެސް ކުރާކަމެއްކަމަށާއި، މުހިންމީ އެ ދަރަނި އަނބުރާ ދެއްކޭނެ ޕްލޭންތަކެއް އޮވެގެން އޭގެން ނަފާ ހޯދުން ކަމަށެވެ. އަދި ދަރަނީގެ ސަބަބުން ގައުމު ކުރިއަށް ނުގެންދެވޭ ނަމަ ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ފައްޔާޒު ގޮވާލެއްވިއެވެ.
މި ސަރުކާރުން ޕްރޮޖެކްޓުތައް ހުއްޓާލާފައި ވަނީ، އެއީ އެމްޑީޕީގެ މަސައްކަތްތަކެއްކަމުގައި ވާތީކަމަށް ތުހުމަތު ކުރައްވައި ފައްޔާޒް ވިދާޅުވީ ފެލިވަރުގެ ކޭނިން ފެކްޓްރީއާއި ކޯލްޑް ސްޓޯރޭޖް ފަދަ މަޝްރޫއުތަކަކީ ފައިސާ ހަމަޖެހި، ޓެންޑާކޮށް ނިމިފައި ހުރި ކަންކަން ކަމަށެވެ. ނަމަވެސް މިއީ އެމްޑީޕީން ފަށާފައިވާ ޕްރޮޖެކްޓުތަކަށް ވާތީ، ”ފޮނި ބޮޑުވެގެން“ އެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދިޔަނަމަ މިއަދު މަހުގެ އަގު ބޮޑުވެ، މަސްވެރިންނަށް އޭގެ ފައިދާ ކުރާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުން ބޭކާރު ގޮތުގައި ފައިސާ ހަރަދުކޮށް، ސިޔާސީ ބޭނުމަށް ވަޒީފާ އިތުރުކުރަމުންދާކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ. ރައީސް މުއިއްޒުގެ ބޭނުމަކީ ފައްޔާޒް ވިދާޅުވި ގޮތުގައި ދެލައްކަ މީހުންނަށް ވަޒީފާ ދީގެން އަޅުވެތިކަމެއްގައި ރައްޔިތުން ބޭތިއްބުންކަމަށާއި، އާސަންދަ ފަދަ މުހިންމު ހިދުމަތްތަކަށް ސަރުކާރުން އަޅާނުލާކަމަށް ވިދާޅުވިއެވެ.

