ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުން މަޖުބޫރުކުރާ ޤައުމީ ނިޒާމެއް ދިވެހި އިފްތިތާޙުކޮށްފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގައުމީ ނިޒާމެއް ގާއިމުކުރުމާ ބެހޭ ގަވާއިދު ސަރުކާރުން އިޢުލާންކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ.

ކްލައިމެޓް އިމަޖެންސީއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލާފައިވާ މި ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

މި ގަވާއިދުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ދާއިރާތަކުން ޖައްވަށް ބޭރުކުރާ ގޭހުގެ މިންވަރު ދެނެގަތުމަށްޓަކައި، މަޢުލޫމާތު އެއްކުރުމާއި، ބެލެހެއްޓުމާއި، އެ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. މި ނިޒާމު ތަންފީޒުކުރުމުގެ އެންމެހައި ޒިންމާތަކެއް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއެވެ.

މި ގަވާއިދުގެ ދަށުން މަޢުލޫމާތު ދިނުން ލާޒިމުވާ ފަރާތްތަކުގެ ތެރޭގައި ފެނާއި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކާއި، ތެޔޮ އެތެރެކޮށް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މުއައްސަސާތަކާއި ރިސޯޓުތައް ހިމެނެއެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކާއި، އެއާޕޯޓް އޮޕަރޭޓަރުންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެމް.ޕީ.އެލް އަދި ސިިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ އިދާރާތަކުންވެސް މަޢުލޫމާތު ހިއްސާކުރަންޖެހޭނެއެވެ.

މި ހުރިހާ އިދާރާތަކަކުންވެސް މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމަށްޓަކައި އެތެރޭގެ އިދާރީ ނިޒާމެއް ގާއިމުކޮށް، މިނިސްޓްރީއާ މުޢާމަލާތްކުރުމަށްޓަކައި ޚާއްޞަ ފޯކަލް ޕޮއިންޓެއް ކަނޑައަޅަންޖެހެއެވެ. ހުށަހަޅާ މަޢުލޫމާތަކީ ސައްހަ އަދި ފުރިހަމަ މަޢުލޫމާތުކަން ކަށަވަރުކުރުމަކީ އެ އިދާރާއެއްގެ ޒިންމާއެއް ނަމަވެސް، ވިޔަފާރީގެ ގޮތުން ނާޒުކު މަޢުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު މި ގަވާއިދުން ލިބިދެއެވެ.

މި ނިޒާމުގެ ދަށުން އެއްކުރެވޭ މަޢުލޫމާތަކީ ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރުމަށާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމުގައި ބޭނުންކުރާނެ މުހިންމު ހެކިތަކެކެވެ. ދުނިޔެ ހޫނުވުމަށް މެދުވެރިވާ ގޭސްތައް ބޭރުކުރުމުގައި ރާއްޖޭގެ ހިއްސާ ކުޑަނަމަވެސް، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމަކީ ރާއްޖެއަށް ވުމުން، ޕެރިސް އެގްރީމަންޓް ފަދަ މުއާހަދާތަކުގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރުމަށް މި ފްރޭމްވޯކް އެހީތެރިވެދޭނެއެވެ.

މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތުގައި، މަޢުލޫމާތު ހުށަހެޅުމުގައި އިހުމާލުވާ ފަރާތްތަކުގެ ސަބަބުން ގައުމީ ފެންވަރުގެ އިންވެންޓްރީތައް ތައްޔާރުކުރުމަށް ހުރަސްއެޅިދާނެތީ، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ އިޖުރާއަތްތައްވެސް މި ގަވާއިދުގައި ވަނީ ހިމަނާފައެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ 25 ޖޫން 2024 އިން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: