މި ސަރުކާރަށް ތިން އަހަރު ވެގެން ދާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އަދިވެސް އެންމެ ފްލެޓެއްވެސް ބިމުން މައްޗަށް ނާރާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ތަފާތު ނަންނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ވާހަކަ ދެއްކެވި ނަމަވެސް، އަމަލީ ގޮތުން ފެންނަން ހުރި މަސައްކަތެއް ނެތް ކަމަށެވެ.
ޑީޑީ ފާހަގަކުރެއްވި ގޮތުގައި، ކުރިން ފްލެޓް ލިބިފައި ތިބި މީހުންނަށް ފްލެޓް ލިބޭނެ ސިޔާސަތުތަކެއް ހިންގާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެޅި ފްލެޓެއް ލޮލަށް ފެންނަން ނެތެވެ.
”ސަރުކާރަށް މިހާރު ތިން އަހަރުވަނީ، އެކަމަކު އަދިވެސް އެންމެ ފްލެޓެއްވެސް ބިމުން މައްޗަކަށް ނާރާ،“ ޑީޑީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމަށް އޮތް ބޮޑު ޑިމާންޑާ އެއްވަރަށް މަޝްރޫއުތައް ނުހިންގޭ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން 4,000 ފްލެޓް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެއަށްވުރެ ރަނގަޅަށް ކަންކަން ކުރާނެ ކަމަށް ބުނި ނަމަވެސް، ދެ އަހަރާއި ބައި ވެގެން ދިޔައިރުވެސް އެކަން ކާމިޔާބު ނުވާ ކަމަށް ޑީޑީ ވިދާޅުވިއެވެ. މީގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުން ދޫކުރި ގޯތިތަކުގެ ބިން ހިއްކުމުގެ މަސައްކަތްތައް ވެސް އޮތީ ހުއްޓިފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ވީ ވައުދުތަކުގެ ވާހަކަ މިހާރު ސަރުކާރުން ނުދައްކާ ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ދިން ފްލެޓާއި ގޯތިތައް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި އަލުން ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ކަންކަން ބަދަލުކުރުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ހުރަހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޑީޑީގެ މި ފާޑުކިޔުންތަކާ ގުޅިގެން، ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް މީގެ ކުރިން މަޖިލީހުގައި ވިދާޅުވެފައިވަނީ، ފްލެޓް ލިސްޓްތައް މުރާޖައާ ކުރަން ޖެހުނީ ކުރީ ސަރުކާރުން އެކަން ކޮށްފައިވަނީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށްވާތީ ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ފައިނަލް ލިސްޓް އާންމުކޮށް، އެއް ސޮފުހާގެ އެގްރީމެންޓެއްގައި ސޮއިކުރުމަކީ ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

