ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާއި، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ރޭގެ ވަގުތެއްގައި ބޭއްވި މި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އިސްވެރިންނާއި މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ރާއްޖެއިން ބޭރުގައި ހުރި، ރާއްޖޭގެ ހައިކޮމިޝަންތަކާއި، އެމްބަސީތަކާއި، ޕާރމަނަންޓް މިޝަންތަކާއި، ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، ދިމާވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން، ކޯވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުނުކުރެވި، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެވެންހުރި ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިޝަންތަކުގެ ވެރިންގެ އަރިހުން، މިނިސްޓަރު ޝާހިދު އެދިވަޑައިގެންފައިވެއެވެ.
https://twitter.com/MoFAmv/status/1244323544739090438?s=20
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުނު މި ބައްދަލުވުމާއި ބެހޭގޮތުން، ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން މިއުވާން މުޙައްމަދު ވިދާޅުވީ، ވީޑިއޯ ކޯލް މެދުވެރިކޮށް ސަފީރުންނާއި އެއްވަގުތެއްގައި ބައްދަލުކުރެއްވި ނަމަވެސް، ކޮންމެ ދުވަހަކުވެސް، ވަކިވަކިން މިޝަންތަކުގެ އިސްވެރިންނާއި ވާހަކަފުޅުދައްކަވާ، ކޮންސިއުލަރ ޚިދުމަތްތަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާކަމަށެވެ.
ހަމަ އެއާއެކު ވަކިން ޚާއްސަގޮތެއްގައި ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް، އެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ގުޅުއްވާ މަޝްވަރާކުރައްވާކަމަށެވެ.

