މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފުރަތަމަ ފަހަރަށް ވެބް ކޮންަރެންސް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބޮޑުމޮހޮރާގައި ހުންނަވައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ބޮޑުމޮހޮރާގައި ހުންނަވައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަމުން ޖާބިރު ”ސަންގު“ އަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރަކު ހުރި ތަނަކުން ބައިވެރިވެވެން ޖެހޭނެ ކަމަށާއި އަދި މިއީ މިގަރުނުގެ ތަހުޒީބް ޓެކްނޮލޮޖީއާއިއެކު ކުރިއަށްދާންވީ ވަގުތުކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.
ޖާބިރު ވިދާޅުވީ މަޖިލީހުގެ މި ނިންމުން މިސާލަކަށް ނަގައިގެން ރާއްޖެ ހުއްޓިޔަ ނުދީ ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށެވެ. އަދި މިއީ މަސައްކަތް ހުއްޓާލައި އަތް އުރާލައިގެން ތިބެންވީ ވަގުތު ނޫން ކަމަށާއި މިއީ ބާރަށް މަސައްކަތް ކުރަންވީ ވަގުތުކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ކޮވިޑް-19 ބަލިން ރައްކާތެރި ވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފުތާގގައި ވަނީ މެދުކަނޑާލި އެވެ. އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ މަސައްކަތްތައް މުހިއްމު ކަމުގައިވާތީ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުގައި ހުރިހާ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ މަޖިލީހުގެ މެންބަރުން ވެސް އެ ހަލާތުގައި ތިއްބެވި ކަމަށެވެ. އެކަމަކު މި ހާލަތުގައި ދުނިޔޭގެ މަޖިލިސްތައް ހުއްޓުމަކަށް ގެނެވެން ނެތް ކަމަށާއި މަޖިލިސް ގެންދާނެ ހޯދައި ކުރިއަށް ދާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އޮންލައިންކޮށް ފެށިއިރު، ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތުގެ އުސޫލެއް ވެސް މަޖިލީހުން ކަނޑައެޅި އެވެ. މި ގޮތުން ބިލުތަކުގެ ބަހުސްގައި ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގަތުމަށާއި ނިޒާމީ މައްސަލައެއް ފާހަގަ ކުރެއްވުމަށް މެންބަރުން އެދިވަޑައިގަންނަވާނީ ޗެޓް މެދުވެރިކޮށެވެ.


One Response
ތެދެއް ޖާބިރުވިދާޅުވީ! ވައިރަސްއަކާ ގުޅުވައިގެން ކޮންމެހެން ކުރާކަށްނުޖެހޭ މަޖްލީހުގެ ޖަލްސާ ތާވަލްކުރާ ދުވަހަކާ ގަޑިއެނގުނީމާ މެމްބަރަށް ލަސްވެގަސްގައި ހުރެގެންވެސް ޖަލްސާގައި ބައިވެރިވެވެންޖެހޭނެ