ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ލޮކްޑައުންކޮށް، ކާފިއުވެސް އިއުލާނުކޮށްފައިވާ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ލަންކާގައި ތިބި ފަރާތްތަކަށް ތަކެތި، ނުވަތަ ކާންބޭނުންވާ އެއްޗެއް ފޮނުވަން ބޭނުންވާނަަމަ އެ ފުރުސަތު އާއިލާތަކަށް ދިނުމަށް ސަރުކާރުން ނިންމަފިއެވެ.
ލަންކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އެރުމާ ގުޅިގެން ސްރީލަންކާގައި އިއުލާނުކުރި ކާފިއުގެ މުއްދަތު އެ ގައުމުގެ ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ބައެއް ސަރަހައްދުތަކަށް އިއުލާނުކުރި ކާފިއުގެ މުއްދަތު ހަމަވެފައިވާއިރު، މިވަގުތު ކާފިއު ހިންގަމުންދަނީ ހައި ރިސްކުކަމަށް ބެލެވޭ ސަރަހައްދުތަކަށެވެ.
ވައިރަސް އާއި ގުޅިގެން ލަންކާގެ ވައިގެ ދަތުރުތައް ވެސް ވަނީ ހުއްޓާލާފައެވެ. އަދި އެ ގައުމުގައި ތިބި ބައެއް ދިވެހިން ދަނީ އެ ހާލަތު އުވާލިހާ އަވަހަށް ރާއްޖެ އައުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ދަނީ، ލަންކާގައި ތިބި ދިވެހިންނަށް ފޯރުކޮށްދެވެން އޮތް އެހީތައް ދެނެގަނެ އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން، ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ކޮންމެ ދުވަހަކު ދިވެހިންގެ ހާލު ބަލައެވެ.
މި ދަނޑިވަޅުގައި ލަންކާގައި ތިބި ފަރާތްތަކާއި މެދު އާއިލާތައް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ލަންކާގައި ތިބި ދިވެހިންނަށް ރާއްޖެއިން އެއްވެސް އެހީއެއް ފޮނުވިދާނެތޯ އާ މެދު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ. އެއީ ލަންކާއިން ރާއްޖެއަށް ދޭ އެހީގެ މުދާ ބަލާ ދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓް މެދުވެރިކޮށެވެ. އަދި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކަމާ މަޝްވަރާ ކުރައްވާނެކަން ފާހަގަކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލު ދެއްވަމުން މަބްރޫކް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މުދާ ބަލައި، ލަންކާއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު، އެ ފްލައިޓުގައި ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ރާއްޖޭގައި ތިބި އެ މީހުންގެ އާއިލާތަކަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމާށެވެ. މަބްރޫކް ވިދާޅުވީ އެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން، ފޮރިން މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ކަސްޓަމްސްއިން މޯލްޑިވިއަން އާއެކު މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް ފޮރިން މިނިސްޓްރީއިން ހާމަކުރާނެ ކަމަށެވެ.
ލަންކާ މިވަގުތު އޮތީ ލޮކްޑައުންއެއްގައި ކަމުން، އާއިލާތަކުން ލަންކާގައި ތިބި ފަރާތްތަކަށް ފޯރުކޮށްދޭން ބޭނުން އެއްޗެއް ގެނެސް ދިނުމުން އެ ފޯރުކޮށްދިނުމުގެ އިންތިޒާމު ފޮރިން މިނިސްޓްރީއިން ކުރިޔަށް ގެންދާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ލަންކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 115 އަށް ވަނީ އަރާފައެވެ. އަދި ހޮނިހިރު ދުވަހު އެކަކު ވަނީ މަރުވެފައެވެ.
ރާއްޖެ އިން މުދާ ހުސްވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅު ތަކެއް އަޅަން ވަނީ ފަށައިފަ އެވެ. މިގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި 10 ޓަނުގެ މުދާ ވަނީ ގެނެސްފަ އެވެ. މި ތަކެތީގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ބޭހުގެ ސާމާނު ހިމެނެ އެވެ.

