ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން ކަރަންޓީންކޮށްފައި ތިބި މީހުން ބޭނުން ކުރަމުން ދިޔަ ހުޅުލޭ އައިލޭންޑް ހޮޓެލް (އެޗްއައިއެޗް) ހުސްކުރުމަށް މީހުން އެހެން ފެސިލިޓީތަކަކަށް ބަދަލު ކުރިފަހުން އެޗްއައިއެޗްގައި ކުރިން ހުރި ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭރު އެތަނުގައި ތިބި ހުރިހާ އެންމެންގެ ކަރަންޓީން މުއްދަތަށް 14 ދުވަސް އިތުރުކޮށްފިއެވެ.
ވައިރަސްއާއި ގުޅިގެން ސަރުކާރުން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެޗްއައިއެޗްގައި ހުރި މީހަކު ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ އާ ކޮންޓެކްޓްވި އެންމެން، އޭނާ ޕޮޒިޓިވް ވުމާ ހިސާބުން ފެށިގެން 14 ދުވަސް އަދި ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ނިންމާފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ މިއީ އުނދަގޫ ނިންމުމެއް ކަމަށާއި، އެހެން ނަމަވެސް ކޮންމެ މީހެއްގެ ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިއީ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޕްރެސްގައި ބައިވެރިވެވަޑައިގެން އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ، މިއީ ޓެކްޓީމުން ނެގި އުނދަގޫ ޑިޒިޝަނެއް ކަމަށެވެ. އެހެން ނަމަވެސް މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މުއްދަތު އިތުރު ކުރެވުނު އުސޫލާއި ގުޅޭގޮތުން ޑރ. މުރާދް ވިދާޅުވީ 14 ދުވަސް ގުނަން ފަށާނީ އެކަން ހިނގައިދިޔަ ދުވަހުން ފެށިގެން ކަމަށެވެ.
ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސްގެ 15 ކޭސްއެއް ފެނުނުއިރު މިހާތަނަށް އެ ބައްޔަށް ފަރުވާދިން މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ވައިރަސްގެ ކޭސްއެއް ވެސް ރާއްޖެއިން ނުފެންނަތާ ދިހަ ދުވަސް ދުވަސް ފަހުން އިނގިރޭސި ވިލާތުން އައި ދެ ދިވެއްސެއްގެ ފަރާތުން އަލާމާތްތަކެއް ފެނުމާއި ގުޅިގެން އެމީހުން ޓެސްޓު ކުރިއިރު ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ޕޮޒިޓިވްވި ހުރިހާ ބިދޭސީން ބަލިން ރަނގަޅުވެފައިވާއިރު އެ އެންމެން ވެސް މިހާރު ތިބީ މޮނީޓަރިންއަަށް ކަރަންޓީނުކޮށްފަ އެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް ގެންދަނީ ސީދާ ކަރަންޓީނަށެވެ. އޭގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ.

