ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19: ރިސޯޓުތަކާއި ސަފާރީތަކުން އެހެން ރަށްރަށާދެމެދު ދަތުރުކުރުން ހުއްޓާލުމަށް އަންގައިފި

ކޯވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ފެނިފައިވާ "މާހާ މޯލްޑިވްސް ސަފާރީ ބޯޓް". ފޮޓޯ: ޕީއެޗް ޑޮޓް ހޮޓެލް ޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކިގޮތެއް އަންގަންދެން ރިސޯޓުތަކާއި ސަފާރީތަކުން އެހެން ރަށްރަށާދެމެދު ދަތުރުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތަށް އެޅުމަށް މަގުފަހިކުރުމުގެގޮތުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައިވާތީ، މި އެންގުން އަންގާ ވަގުތުން ފެށިގެން ވަކިގޮތެއް އަންގަންދެން، މި ފިޔަވަޅު އެޅުމަށް އަންގާކަމަށެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި، ދަތުރުކުރާ ފަރާތްތަށް އިސްތިސްނާވާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ގޮތުން، ރިސޯޓުތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިސޯޓަށް ނުވަތަ ސަފާރީއަށް ދިއުމާއި، ފަތުރުވެރިން ދިވެހިރާއްޖެއިން ފުރުވާލުމަށްޓަކައި އެއަރޕޯޓަށް ދިއުން އިސްތިސްނާވާނެކަމަށެވެ.

ނަމަވެސް ފަތުރުވެރިން ފުރުވުމަށްޓަކައި އެއަރޕޯޓަށްދާ މުވައްޒަފުން އެނބުރި އަންނަންޖެހޭނީ، ރިސޯޓަށް ނުވަތަ ސަފާރީއަށްކަމަށް ވެސް އެބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ރިސޯޓުތަކާއި ސަފާރީތަކަށް މުދާއުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިސޯޓުތަކުގެ ޖެޓީއާއި ހިސާބަށް ނުވަތަ ސަފާރީއާއި ހިސާބަށް ދިއުން އިސްތިސްނާވީނަމަވެސް، އެ ފަރާތްތަކުން ރިސޯޓަށް ފައިބައިފިނަމަ ނުވަތަ ސަފާރީއަށް އަރައިފިނަމަ، ރިސޯޓުންނާއި ސަފާރީން ފޭބުމުގެ ހުއްދަ އެ ފަރާތްތަކަށް ނޯންނާނެކަމަށެވެ.

އެޗްޕީއޭއިން ބުނީ ރިސޯޓުތަކުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންނާއި، އެހެނިހެން ބޭނުންތަކުގައި ރިސޯޓުތަކަށް ޒިޔާރާތްކޮށްފައިވާ މީހުން އެހެންރަށަކަށްދާން ބޭނުންވާ ހާލަތުގައި، ރިސޯޓުގައި ފަތުރުވެރިންތިބިނަމަ، ކަނޑައަޅާފައިވާ ސަރަޙައްދެއްގައި މަދުވެގެން 14 ދުވަހު ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށްފައިވާ މީހަކަށްވާންޖެހޭނެކަމަށެވެ.

މި ހާލަތުގައި ރިސޯޓުން ފޭބޭނީ އެގްޒިޓް ސްކްރީނިންގ ހެދުމަށްފަހު، ކޯވިޑް-19 އަށް ޓެސްޓުކޮށް، ނަތީޖާ ލިބުމުންކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި:

1. ރިސޯޓުގައި ފަތުރުވެރިން ތިބިނަމަ އެ ރިސޯޓަށް އެންމެ ފަހު ފަތުރުވެރިޔާ ދިޔަފަހުން މަދުވެގެން 14 ދުވަސް ވެފައިވުމާއި، ރިސޯޓުން އެންމެފަހު ފަތުރުވެރިޔާ ފޭބިފަހުން މަދުވެގެން 14 ދުވަސް ވެފައިވުން. މި ހާލަތުގައި، އެ ރިސޯޓުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ ޢަލާމާތެއްހުރި މީހަކު ނެތުން.

2. ސަފާރީތަކުގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނަށް ސަފާރީން ފޭބޭނީ، އެންމެ ފަހު ފަތުރުވެރިޔާ ފޭބިފަހުން 14 ދުވަސް ވެފައިވުން. މި ހާލަތުގައި އެ ސަފާރީގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ ޢަލާމާތެއްހުރި މީހަކު ނެތުން. މި ހާލަތުގައި ސަފާރީން ފޭބޭނީ އެޗްޕީއޭއަށް ބޭނުންވާ މަޢުލޫމާތުތައް ހުށަހެޅުމާއެކު ސަފާރީން ފޭބުމުގެ ހުއްދަ ދިނުމުންނެވެ.

އެޗްޕީއޭއިން ބުނީ، މި އެންގުން އަންގާ ވަގުތުން ފެށިގެން، އެ އެޖެންސީގެ ނަންބަރު 2020/22 (2020 މާޗް 25) ގެ އެންގުން ބާޠިލުވެފައިވާކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން، ސަރުކާރުންދަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. މި ގޮތުން އަދިވެސް ވަނީ ސަރުކާރު ބަންދުކޮށްފައެވެ. މީގެ އިތުރުން، މަދަރުސާތަކާއި، ގްރޭޓަރ މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި، އެއްވެ އުޅުމާއި، އެއްވެސް ބޭނުމެއްނެތި ބޭރުތެރޭގައި އުޅުމާއި، އެކްސްކާޝަންގެގޮތުގައި ކުރާ ދަތުރުތަކާއި، މި ހުރިހައިކަމެއް ވެސްވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: