މާލޭގެ ގެއެއްގައި ހުރި މީހެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނުކަމަށް، އެ ގެ އަށް ވަދެނުކުމެ އުޅުން މިއަދު މަނާކުރީ އޮޅުމަކުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ ގެ މޮނީޓަރިން ހާލަތަކަށް ގެނައި މިއަދުއެވެ. ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ސޮއިކުރައްވާފައިވާ އެ ލިޔުން ސޯޝަލް މިޑިއާގައި ވެސް ދައުރުވެގެން ދިޔައެވެ. އެ އެންގުމުގައި ވަނީ ޑީޖީ މައިމޫނާ އަބޫބަކުރުގެ އެންގުމަކުން، ސިއްހީގޮތުން ބަލަންޖެހޭ ކަންތަކެއް ކުރިޔަށް ގެންދިއުމަށް އެ ގެއަށް ވަދެނުކުމެ އުޅުން މަނާ ކުރާ ކަމަށެވެ. އަދި މޮނީޓަރިންގެ ކަންކަން ކުރިޔަށް ގެންދިއުމަށް ފުލުހުންގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ބުނެފައެވެ.
https://twitter.com/HPA_MV/status/1244988146682449920
ނަމަވެސް، މިއަދުގެ އިރުއޮއްސުނުފަހުން ޓްވީޓެއްކޮށް އެޗްޕީއޭއިން ބުނެފައިވަނީ އެ ގެ މޮނީޓަރިންނަށް ގެންދެވުނީ ގޭގެ ލޮކޭޝަނާއި ގުޅޭގޮތުން ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ. އެޗްޕީއޭއިން ވަނީ އެ އެންގުމާއި ގުޅިގެން އެގޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މާއަފަށް އެދޭކަމަށް ބުނެފައެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 18 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ތިން ދިވެއްސަކު ހިމެނޭއިރު، އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބަހައްޓާފައިވާ މީހުންނެވެ.

