އިވޭ އަޑުތަކަށް ސަމާލުކަންދިނުމަކީ، ސަމާލުކަންދެވުމަކީ އިންސާނާގެ ޠަބީޢަތުގައިވާކަމެކެވެ. ހަމަ އެހެންމެ އަޑުއިވޭ ޚަބަރުތަކުގެ ތެދުދޮގާއި، ކަން ހިނގާފައިވާގޮތް ބެލުމަކީ، އިންސާނާ ނުހަނު ޝައުޤުވެރިކަންދޭ ކަމެކެވެ. މި ގޮތުން، އިވޭ އަޑުތަކުގެ އިތުރަށް، ނޫސް މަޖައްލާފަދަ ތަކެތީގައި ހުންނަ ޚަބަރުތަކަކީ، ކޮންމެ ދުވަހަކު ވެސް އެތައް ހާސްބަޔަކު ކިޔަމުންދާ ޚަބަރުތަކެކެވެ.
އެހެންނަމަވެސް، ހިތާމައަކީ މަދުމަދުން ނަމަވެސް، ކަންހިނގި ގޮތް ބަލައިނުލައި ޚަބަރުތައް ލިޔެފައި ހުންނަކަމެވެ. ފެންނަމުންދަނީ ތެދުދޮގަށް ބެލުމެއްނެތި، ޚަބަރުތައް ކިޔުންތެރިންނާ ހިސާބަށް ފޯރުކޮށްދީފައި ހުންނަ މަންޒަރެވެ. ޙަޤީޤަތާއި ޚިލާފަށް ޚަބަރުތައް ލިޔެ ފޮނިތޮށި ކާފޫރުތޮޅިލައިގެން ޚަބަރުތައް ”މޮޑެފައި“ ހުންނަ މަންޒަރެވެ.
މީހަކު ބުނެފައިވާ އެއްޗެއް ނުވަތަ ބުނުއްވާފައިވާ އެއްޗެއް ނުވަތަ ވިދާޅުވެފައިވާ އެއްޗެއް، އޮޅުންބޮޅުންކޮށްލައިގެން ކަރުދާހާއި ހިސާބަށް ގެނެސްފައި ހުންނަ މަންޒަރެވެ. އެފަދަ ބަސްތައް ނުވަތަ ބަސްފުޅުތައް ހުރި ނަޒަރުން، އެހެން ނަޒަރަކަށް އަނބުރައިލާ މަންޒަރެވެ.
ލިޔުންތެރިންނަކީ ނުވަތަ ނޫސްވެރިންނަކީ ކަމުގެ ތެދުދޮގު ބަލާ ބަޔަކަށްވާން ޖެހެއެވެ. އިވުނުހައި އެއްޗެއް ނުވަތަ ފެންނަހައިކަމެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި، ޔަޤީންކަމުގެ ފަހަތުން ދަތުރުކުރާ ބަޔަކަށްވާންޖެހެއެވެ. މީހަކު ބުނީތީ، ބޭފުޅަކު ވިދާޅުވީތީ އެއެއްމިއެއް ނުބަލައި ޚަބަރުތައް ލިޔުމުން އެއްކިބާވެފައިތިބި ބަޔަކަށްވާންޖެހެއެވެ. ޢިއްޒަތްތެރިންގެ ”ޕަޕެޓަކަށް“ ވުމުން ސަލާމަތްވާންޖެހޭ ބަޔަކަށްވާންޖެހެއެވެ. އެބައިމީހުންގެ ސިޔާސަތުތައް ދަމަހައްޓައިދީ ލިޔުމުން ”ގުލާނުކޮށްދީ“ ހެދުމުން ދުރުވެގެންވާ ބަޔަކަށްވާންޖެހެއެވެ. އެދުންތަކުގެ މައްޗަށް ”ފައިންއަރާ ޗިސްކޮށްލައިފައި“، އިޚުލާސްތެރިކަމުގެ ”ހަރުފަތްތަކުން“ ކާމިޔާބާއި ހަމައަށް ވާސިލުވާ ބަޔަކުކަމުގައި ވާންޖެހެއެވެ.
އެހެންނޫންނަމަ، ޚަބަރު ހިތި ހަބަރަށް ވެދާނެއެވެ. މުޖުތަމަޢުގެ ”ފޮނިކަން“ ގެއްލި، އޭގެ ނަތީޖާ ވަރަށް ހިތިވެދާނެއެވެ. އެ ހިތިކަން މުޖުތަމަޢުގެ ”އަރު“ ތެރޭގައި ހަރުލައިފިނަމަ، ޤައުމުގެ އަމާންކަން ގެއްލި ހިނގައިދާނެއެވެ. ފިތުނަފަސާދައިގެ ”ދޮރުތައް“ ހުޅުވި ޤައުމުގެ ހަމަޖެހުން ގެއްލި ހިނގައިދާނެއެވެ. ޤައުމުގެ މިނިވަންކަން ގިނިހޫނަކަށް ބަދަލުވެ، ޤައުމުގެ ހިނިތުންވުން ފިލައިގޮސް އަނިޔާވެރިކަން ވެރިވެދާނެތެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ޤައުމަކީ، ދަބަރަށްވެފައި އޮތް ދަގަނޑުގަނޑެއް ފަދައިންވެ، ދަބަރުހިލި ޤައުމު ހުސްވެދާނެތެވެ.
ލިޔުންތެރިންނޭވެ! ނޫސްވެރިންނޭވެ! ވިސްނަވާށެވެ. މިއަދު އަޅުގަނޑުމެން ލިޔާ އެއްޗަކީ، އާޚިރުގައި އަޅުގަނޑުމެންނާއި ސުވާލުކުރެވޭނެ އެއްޗެއްސެވެ. ޤައުމުގެ ދިރުންވަނީ ޚަބަރު، ތެދު ޚަބަރަކަށް ހެދުމުންކަން ދަންނާށެވެ. ޤައުމު ”މަރުވުން“ ވަނީ، ޚަބަރު ހިތި ހަބަރަކަށްވުމުންކަމުގައި ދަންނާށެވެ!
މާތްﷲ ތިޔަ އެންމެހައި ނޫސްވެރިންނާއި، އަޅުގަނޑަށް ތެދު ޚަބަރު ލިޔުމުގެ ތައުފީޤުދެއްވާށި! އާމީން!

