ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، ރަނގަޅުވި 4 މީހަކު ދޫކޮށްލާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. މޫސާ މުރާދު ވިދާޅުވީ ކޯވިޑް-19 ޖެހުނު މީހުންގެތެރެއިން، މުޅިން ރަނގަޅުވެފައިވާ 4 މީހުން، ފަހުން ހެދި 2 ޓެސްޓުން ވެސް ނެގެޓިވްވެފައިވާކަމަށާއި، މިހާރު އެ 4 މީހުން ވެސް ދޫކޮށްލާފައިވާކަމަށެވެ.
ޑރ.މުރާދު ވިދާޅުވީ މިހާރު ފަރުވާދެވެމުންދަނީ ޖުމްލަ ހަތަރު މީހުންނަށްކަމަށާއި، އެ ހަތަރު މީހުންނަކީ ވެސް، އިނގެރޭސިވިލާތުން އެނބުރިއައި ދިވެހިންކަމަށެވެ.
މީގެ އިތުރުން ޑރ،މުރާދު ވިދާޅުވީ، އެ ހަތަރު ދިވެހިންގެ ބަލި ހާލަތު ރަނގަޅުކަމަށާއި، ވީހާ ވެސް އަވަހަކަށް އެ މީހުން ބަލިން ރަނގަޅުކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޑރ،މުރާދު ވިދާޅުވީ، ކޯވިޑް-19 ޖެހޭ މީހުންނާއި، ޝައްކުވާފަދަ އަލާމާތްތައް ފެންނަ މީހުންނާމެދު އަމަލުކުރެވޭ އުސޫލު ވަރަށް ތަފާތު ވާނޭކަމަށެވެ.
މި ގޮތުން، ޝައްކުކުރެވޭފަދަ އަލާމާތްތައް ފެނިގެން، ކަރަންޓީނުކުރެވޭ މީހުން ދެ ހަފްތާވަންދެން ކަނޑައެޅިފައިވާ ތަނެއްގައި ބައިތިއްބާއިރު، ދެހަފުތާގެ މުއްދަތު ގުނާނީ، އެ ފަދަ މީހަކު ކަރަންޓީނަށް ގެނެވޭ ދުވަހާއި ޖެހިގެން އަންނަ ދުވަހުގައިކަމަށް ޑރ.މުރާދު ވިދާޅުވިއެވެ.
މިއަދާ ހަމައަށް އައިއިރު، ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ 19 މީހަކު ރާއްޖެއިން ފެނިފައިވާއިރު އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

