މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި އުޅުނު ގައިދީންގެ އަޑުކެނޑި ރަމަތަވެއްޖެއެވެ. ޖަލުގެ ތޭރިތަށް ވެސް، މިހާރު ނިދާފައިވާކަހަލައެވެ. ބާލީހުގައި ބޯއަޅައިގެން އޮތް ޔާމިނުގެ އެކަނިވެރިކަން ފެނުނު މީހަކު ސަހަރޯހީވާވަރުވެއެވެ. މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. މާޔޫސްކަމެވެ.
ޖާގައިގެ ގޮތުން ތަނަވަސްކަން ކުޑަ ގޮޅިއެއް ނަމަވެސް، ގޮޅީގެ ފެންވަރު ދެރައެއްނޫނެވެ. ގޮޅީގެ އެއްބިތުގައި، ބޭނުން ޗެނަލްއެއް ބަލައިލެވޭނެފަދަ 32 އިންޗީގެ ޓީވީއެއް ހަރުކޮށްފައިވެއެވެ. ބާލީހުގައި ބޯއަޅައިގެން އޮތް ޔާމިނުގެ ނިދި އެއްކޮށް ފިލައިފައިވާ ކަހަލައެވެ. މޯޅިއަކަށް ދެމިލަމުން ޓީވީއާއި ދިމާއަށް ނަޒަރު ހިންގައިލުމަށްފަހު، ބާލީހުގެ އެއްފަރާތުގައި ބާއްވައިފައި އޮތް ރިމޯޓުނަގައި ޓީވީ ހުޅުވައިލިއެވެ.
ޓީވީން އެ ވަގުތު ދައްކަމުންދިޔައީ ޔާމިނުގެ ހިތުގައި އޮތްގޮތާއި މުޅިން ތަފާތު މަންޒަރެކެވެ. ޔާމިނަށް ފެނުނީ، ކުރިން ދައްކާފައިވާ ޕްރޮގުރާމެއްގެ ރިޕީޓް ޕްރޮގުރާމެވެ. އެ ޕްރޮގުރާމުން ފެންނަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިނގަމުންދާ ހަރަކާތެކެވެ.
ޔާމިނަށް ފެނުނީ، އަވަށްޓެރި ޤައުމެއްގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި މަންޒަރެވެ. އިސްތިޤުބާލުގައި ހުންނެވި ރާއްޖޭގެ ރައީސްއާއި ސަލާންގަލާންކުރައްވައި ވާހަކަފުޅު ދައްކަވާ މަންޒަރެވެ. ޢިއްޒަތުގައި ތިއްބެވި ދެ ރައީސުން ރަތްދޫލައިގެ މަތީގައި ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އެރުއްވި މަންޒަރެވެ. އައިރުޅިން ޔާމީނު ޓީވީ ނިވާލައިފައި، ރިމޯޓުއެއްލައި ފާރުގައި ޖެހިއެވެ. އެއާއެކު އޮތްފުށުން އަނެއްފުށަށްޖެހި ރޯންފެށިއެވެ. ރޮއިރޮއި އޮތް ޔާމިނަށް ނިދުނީ ކޮންއިރަކުކަމެއް ޚުދު ޔާމިނަކަށް ވެސް ނޭނގެއެވެ. އިސާހިތަކު ނިދީގެތެރެއަށް ޔާމިނު ފީނައިގެންފިއެވެ. ނިދީގެތެރެއަށް ޣަރަޤުވެގެން ހިނގައްޖެއެވެ.
ފެނުނު ހުވަފެން:
ހުވަފެނުގައި ޔާމިނަށް، ޔާމިނު ފެނުނީ ރަސްކަލެއްގެ ގޮތުގައެވެ. ޔާމިނު ރަސްގެފާނު ހުންނެވީ ގަނޑުވަރުގައެވެ. އެ ގަނޑުވަރުގެ ފުރިހަމަކަން، ދުނިޔޭގެ ހަފަރާތައް ފެތުރިގެން ގޮސްފައިވެއެވެ. އެ ގަނޑުވަރާއި އަޅައިބަލާއިރު ތާޖުމަޙަލްއަކީ، ޖިފުޓިގަނޑެއްފަދަ ތަނެކެވެ. ޔާމިނު ރަސްގެފާނަށް ލިބިފައިވާ ބާރަށް ބަލާއިރު، ރޯމް ( އިޓަލީ ) ގެ ގައިސަރަކީ އެއްވެސް މީހެއްނޫނެވެ. ފާރިސްކަރައިގެ ކިސްރާއަކީ އެއްވެސް މީހެއްނޫންމެއެވެ.
ހެނދުނުގެ ވަގުތެވެ. ވަޒީރުންނާއި ޝަހަރުގެވެރިން ޔާމިނު ރަސްގެފާނުގެ ފައިންޕުޅު ދެކެލައްވަން ދުރުވެއްޖެއެވެ. ޔާމިނު ރަސްގެފާނު އިންނެވީ، ތަޚުތުގައެވެ. ތަޚުތުގެ ފުރިހަމަކަމުން، މީސްތަކުންގެ ލޯތައް ތަރަތަރަޖަހައިގެންދާ ވަރުވެއެވެ. ޝަބާގެ ރާނީގެ ތަޚުތުކޮޅުފަދަ ފުރިހަމަ ތަޚުތުކޮޅެކެވެ. ޔާމިނު ރަސްގެފާނުގެ އަރިހުގައި ޚާދިމުންނާއި، ޖާރިޔާއިން އެކިއެކި ޚިދުމަތްތަކުގައި ކެނޑިނޭޅި ދެކޮޅަށް ދަތުރުކޮށް ހަދައެވެ. ޝަހަރުގެ ރައްޔިތުންގެ ނިކަމެތިކަމާއެކު ވެސް، ރަސްގެފާނުގެ ފައިންޕުޅު ދެކެލަން ގޮސް ތިއްބެވެ.
ދަރުބާރަށް އެންމެން ހާޒިރުވެނިމުމުން، ތަޚުތުގައި އިންނެވި ޔާމީނު ރަސްގެފާނު އަރިހުގައި ވަޒީރު އެއްޗެކޭ ދެންނެވިއެވެ. ވަޒީރު ދެންނެވީ، ރަސްކަމުގެ ދަރުބާރުގައި މަނިކުފާނު އިންނެވުމަށް، މަނިކުފާނުގެ ޢުމުރުފުޅު ތަންނުދޭކަމަށެވެ. މަނިކުފާނުގެ ޢުމުރުފުޅުން މިހާރު ދުވަސްވެއްޖެކަމާއި، އެހެންކަމަށްވުމާއެކު އަރާމުކުރެއްވުމަށެވެ. ވަޒީރު ދެންނެވީ، ވަޒީރުގެ އަތްމައްޗަށް ޝަހަރުގެ ކަންކަން އެއްކޮށް ދޫކޮށްލުމަށެވެ. އެހެންނަމަވެސް ޔާމިނު ރަސްގެފާނަކީ، ޝަހަރުގެ ރަސްގެފާނުކަން ހަނދާންނައްތައިނުލާނެކަމަށެވެ.
މިފަދަ ވާހަކަތަކެއްގެތެރޭގައި ތިއްބަވަނިކޮށް އިރު މެދުޖެހިއްޖެއެވެ. ދަރުބާރުގައި ތިބި ރައްޔިތުން، ޔާމިނު ރަސްގެފާނުގެ ޢަމުރުފުޅަށް ބިނާކުރަމުންދާ ގަނޑުވަރު ބިނާކުރުމުގެ މަސައްކަތައް އެނބުރި ރުޖޫޢަވެއްޖައޫއެވެ. އެ ބިނާއަކީ، ޔާމިނު ރަސްގެފާނުގެ އަނބިކަނބަލުންގެ ކަދުރު ރުއްތަކުގެ ކައިރީގައި ހަދަމުންދާ ގަނޑުވަރެކެވެ. އެ ހިސާބަކީ، ޝަހަރުގެ އެންމެ ހިތްގައިމު ހިސާބެވެ. އެންމެ ފެހި ހިސާބެވެ.
ވަޒީރު ގެއަށް ދުރުވުމުން، ޔާމިނު ރަސްގެފާނުގެ ހިތްޕުޅުގައި ސުވާލުތަކުގެ ކޯރެއް ދެމިގެންދިޔައެވެ. ”ވަޒީރު އެ ދެއްކެވީ ރަނގަޅު ވާހަކައެއްބާ! ވަޒީރު އެ ވިދާޅުވި ފަދައިން، އަހަރެންގެ ޢިއްޒަތްތެރިކަން ދޫކޮށްލައިފައި މަޑުން ހުންނަންވީބާ! ޝަހަރުގެ ރައްޔިތުންނާއި ކުރިމަތިނުލައި ދުރުގައި ހުންނަންވީބާ! ނޫން.. ނޫން.. އޭރުން ރައްޔިތުން އަހަރެންދެކެ ގަންނަ ބިރުވެރިކަން ފިލައިގެން ހިނގައިދާނެ. އޭރުން އެ މީހުން ހީކުރާނީ އަހަރެންނަށް ކަމެއްނުކުރެވޭތީ، ވަޒީރާއި ހަވާލުކުރައްވައިފައި ދުރުގައި ހުރީކަމަށް. އެހެންޏާފަހެ، އަހަރެންގެ ފާތުމާ ރާނީއަށްޓަކައި ހަދަމުންދާ ބިނާ ވެސް، ރައްޔިތުން އެ ހަދަނީ ހާދަ ޕްރެޝަރެއްކޮށްގެންނޭ. ވަޒީރު އެ އުޅެނީ، އަހަރެންގެ ރަސްކަން ފޭރިގަންނާނެ ގޮތެއް ނޭނގިކަންނޭނގެ! ނޫން.. ނޫން.. ނޫން.. ހަމަހިލާ އެހެންވިޔަކަ ނުދޭނަން. އަހަރެން ފިޔަވައި، މި ޝަހަރުގަ ރަސްކަންކުރެވޭނެ މީހަކު ނުހުންނާނެ. ދެން ހުރީ އަހަރެންގެ އެއްބަފާ ބޭބޭ. އޭނަ ވެސް އުޅޭ ގޮތުން ހީވަނީ، އަހަރެންގެ ވެރިކަން، އަހަރެންގެ އަތުން ފޭރިގަންނަން އުޅޭހެން.“
މިފަދަ ޚިޔާލުފުޅުތަކެއްގެތެރޭގައި ހުންނެވުމަށް ފަހު، ރަސްގެފާނުގެ ބޮޑީގާޑުގެ ގާތުގައި އެއްޗެއް ވިދާޅުވުމަށްފަހު ތަޚުތުގައި އިށީނދެވަޑައިގަތެވެ. ހިނދުކޮޅެއް ނުވެއެވެ. ޔާމިނު ރަސްގެފާނުގެ ސިފައިންގެ ލަޝްކަރުގެ އިސް ބޭކަލުންތަކެއް ދަރުބާރަށް ޖަމާވެއްޖައޫއެވެ.
ޔާމިނު ރަސްގެފާނު: އޭ ސިފައިންނޭވެ! ތިޔަ ބޭކަލުން މި ތަނަށް މި ހާޒިރުކުރީ، ވަރަށް މުހިންމުކަމަކު. އަޅުގަނޑުގެ ރަސްކަމާއި ދެކޮޅަށް ބަޣާވާތްކުރަން ތައްޔާރަށް ތިބި ބަޔަކު މި ޝަހަރުގައި އެބަތިބި. މި ހިނދުން، މި ހިނދަށް ގޮސް ވަޒީރު އަބީދާއި، އަޅުގަނޑުގެ ބޭބެ މަޢުރޫފާއި، އެ ދެ މީހުންނާއި ބައިއަތު ހިފައިގެންތިބި ޝެއިޚު އިރުފާނާއި، ސިފައިންގެ އިސްވެރިޔަކަށް ކުރިން ހުންނެވި ނާޒިރު ހައްޔަރުކުރޭ!
ލަޝްކަރުގެ ކޮމާންޑަރު: އާދެ މަސާހިބު! ރަސްގެފާނު ވިދާޅުވި ގޮތެއް. މަނިކުފާނަށް ދިގު ޢުމުރުފުޅެއް ދެއްވާށި!
އިސާހިތަކު، އެ ހުރިހައި ބޭފުޅުން ދަރުބާރަށް ހާޒިރުކޮށްފިއެވެ. އެ ހިނދު ޔާމިނު ރަސްގެފާނު ވިދާޅުވިއެވެ.
ޔާމިނު ރަސްގެފާނު: ތިޔަ ބާޣީންތަކަށް އެންމެ އެކަށީގެންވަނީ، އަޅުގަނޑު ގެންގުޅޭ މިނިކާވަގުތައް ލައިފައި ހުންނަ ދަނގަޑު ކޮށި. ހަމަ މިހާރު ގޮސް، ކޮށީގެ މަތީގައި ހަދައިފައިވާ ދޮރުން އެންމެން ކޮށްޓަށް އަޅައިލާ!
ހުވަފެނުގެ ދެވަނަބައި:
އެ ހިނދު ޔާމިނު ރަސްގެފާނަށް އަޑެއް އިވުނެވެ. ”ޔާމިން! ޔާމިން!“
ޔާމިނު ރަސްގެފާނު: ( ސިހިވަޑައިގެން ހުންނަވާފައި ) ”ކާކު! ތިޔައީ ކާކު!“
އަނެއްކާވެސް އެ އަޑު އިވުނެވެ. ”ޔާމީން! ތިޔައީ ކުށްވެރިއެއް! ކުށެއްނެތް ބަޔަކު ކޮށްޓަށްލައި، މަރުގެ ތުންފަތްމައްޗަށް ފޮނުވައިލި ގާތިލެއް. ރައްޔިތުން ގަނަތަޅުވަމުންދާ ނުބައިނުލަފާ މަކަރުވެރިއެއް. ލިބުނު ނިޢުމަތް ބަލައިގަންނަން ނޭނގުނު ޖާހިލެއް.“
ޔާމިނު ރަސްގެފާނު: ( ބިރުފުޅުވަޑައިގެން ހުންނަވާފައި ) ”ނޫން! ނޫން! އެހެނެއްނުވާނެ. އަހަރެންނަކީ ރައްޔިތުންނަށް ހެޔޮ ރަސްކަލަކީމު. އަހަރެންގެ ހެޔޮކަމުން، ރައްޔިތުންނަށް އެތައް ކަމެއް ކޮށްދީފިން. މި ޝަހަރާއި، މިޝަހަރާއި އިންވެގެން އޮންނަ ކުޑަކުޑަރަށާއި ދޭތެރޭގައި، އަހަރެން އަޅާފައިވާ ފާލަމަކީ މީގެ ހެއްކެއް.“
އަނެއްކާވެސް އެ އަޑު އިވުނެވެ. ”ކަންހުރީ ތިޔަހެނެއް ނޫން! ފާލަމެއްދާލަމެއް ކިޔާނެކަމެއްނެތް. ތިޔައީ އަނިޔާވެރިއެއް. ތިޔައީ އަނިޔާ ވެރިޔެއް. ބައިތުލްމާލުކައި ހުސްކުރަމުންދާ ތިޔަފަދަ ނުބައިނުލަފާ މީހުންގެ ޖަޒާއަކީ ޞަލީބަށް އެރުވުން. އަވަހަށް މަރަށް ތައްޔާރުވޭ!“
ތެޅިފޮޅެމުން ޔާމިނަށް ހޭލެވުނެވެ. އަތްފައި ތުރުތުރުއަޅާވަރުން އޮބިއޮންނަވަރެއް ނޫނެވެ. ހިތުގެ ވިންދު އަވަސްވެފައިވާއިރު، ޕަމްޕެއް ޖައްސައިފައިވާކަހަލައެވެ. ޑަންޑަން ލައިފައި ތެޅެއެވެ. މުޅި މީހާވަނީ ދާހިއްލައި ފޯވެފައެވެ. އަދި ކިއެއްތަ، ކުޑަކަމު ވެސް ދެވިފައެވެ. އިރުކޮޅަކު ތެޅިތެޅި އޮވެފައި، ހަމައަކަށް އެޅުމުން ފާޚާނާއަށްވަދެ ތާހިރުވެލިއެވެ.
އެއަށްފަހު ހިތާހިތުން ކިޔައިލިއެވެ. ތެދެކެވެ. ގެއްލިއްޖެ ވަގުތަކީ، އަނބުރައި ލިބޭ އެއްޗެއްނޫނެވެ. ތިމާހާ މީހަކު ނެތިގެން އުޅޭ މީހަކަށް އަބަދުވެސްވާނީ ދެރަގޮތެވެ. ހަމައެއާއެކު ޔާމިނު އަނެއްކާވެސް ހިތާހިތުން ކިޔައިލިއެވެ. އަހަރެންވެސް ވެރިކަންކުރާ ހިތްވެއެވެ. ޢިއްޒަތާއި ޤަދަރުބޭނުމެވެ.
އެއާއެކު ޔާމިނުގެ ޒަމީރު ޔާމިނާއި ދިމާއަށް ބުންޏެވެ. ވެރިކަމެއް ކުރެވޭނެ ޤާބިލިއްޔަތުކަމެއް ތިބާގެގައިގައި އެބަހުރިހެއްޔެވެ؟ ރައްޔިތުންނަށް ހެޔޮވެރިކަމެއް ގެނެސްދެވޭނެފަދަ ލަޔާޤާތެއް ތިބާގެގައިގައި އެބަހުރިހެއްޔެވެ؟ މިވީހައިތަނަށް އަލަގަހަކުން ކެޔޮނިރެއްފަޅާފައި ވޭހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ބަޅެއްގެ ނަގޫ ސަންފާ އޮނަކަށްލައިފައި، ޤަރުނެއްކޮށްފަ ނެގިޔަސް އެ ތެދުވާނެ ހެއްޔެވެ؟ ތިހާވަރަށް ވެރިކަންކުރާ ހިތުން އުޅޭއިރު، އެއްފަހަރު ވެސް، ޖަލުގައި ތިޔަ އޮންނަންޖެހުނީ ކީއްވެކަމާމެދު ވިސްނައިނުލާތީ އަޖައިބުވެ އަންތަރީސްވަމެވެ. ތިޔަ އުޅޭ ގޮތުން އަދިވެސް ހީވަނީ ނުވަ ރޭ ފެނުތެރޭ ކުއްޖެއްހެންވިއްޔާއެވެ. އަޅެފަހެ ހައިރާންނުވާހައި ވަރެއް ހެއްޔެވެ؟ އަދިވެސް ތި ކިޔަނީ ވެރިކަންކުރާ ހިތްވާ ވާހަކައެވެ.

