މިއަދުން ފެށިގެން، ކާފިއުގެ ވަގުތުތަކުގައި ނިކުމެ އުޅޭ މީހުންނަށް ފިޔަވަޅުއަޅަން ނިންމައިފިއެވެ.
ކޯވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، މިހާރު ވެސް ކާފިއު ހިންގާ ވަގުތުކޮޅު މަދުކަމުން ބައެއްމީހުން ސުވާލުކުރާކަމަށާއި، އެހެންނަމަވެސް، ފުރަތަމަ ދުވަހަށްވުރެ ދެވަނަ ދުވަހުގައި ކާފިއުގެ ވަގުތުތަކުގައި ގަވާއިދާއި ޚިލާފުވި މީހުންގެ ޢަދަދު ގިނަކަމަށެވެ.
މި ގޮތުން ގަވާއިދާއި ޚިލާފުވި މީހުން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، 376 މީހަކު މި ދެ ދުވަހުގެ ތެރޭގައި ގަވާއިދާއި ޚިލާފުވެފައިވާއިރު، އޭގެތެރެއިން 333 މީހުންނަކީ ދިވެހިންކަމަށާއި، 43 މީހުންނަކީ ބިދޭސީންކަމަށެވެ.
”އަޅުގަނޑުމެންނާއި ތިޔަ ބޭފުޅުން ވެސް ކުރާ ސުވާލަކީ ކީއްވެހޭ ކާފިއުގެ ވަގުތު ކުޑައީ. އެކަމު މިވަރު ވަގުތުކޮޅެއްގެތެރޭގައި އިތުރުވާ ޢަދަދު އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 376 މީހެއް މި ދެ ދުވަހުގެތެރޭގައި، އޭގެތެރެއިން 333 މީހުންނަކީ ދިވެހިން. 43 މީހުންނަކީ ބިދޭސީން،“ މަބުރޫކް
މަބްރޫކް ވިދާޅުވީ މި ދިޔަ ދެ ދުވަހު ނަސޭހަތް ދިންކަމުގައިވިޔަސް، މިއަދުން ފަށައިގެން ގަވާއިދާއި ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެފައިވާކަމަށެވެ.
މީގެ ކުރިން ވެސް ފުލުހުންވަނީ، ކާފިއުގެ ވަގުތުތަކުގައި މަގުމައްޗަށް ނިކުންނަ މިހުންނަށް ނަސޭހަތްތެރިވާނެކަމަށައި، އެހެނަސް އެ ކަން ތަކުރާރުވާނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ވެސް ބުނެފައެވެ.

