ދިވެހިރާއްޖޭގައި ތަޢުލީމުދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން މެދުކަނޑައިލުމަށް ސަރުކާރުން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އިން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން 2020 އޭޕްރީލް 05 ވަނަ ދުވަހުން ފެށިގެން އެއްހަފުތާގެ މުއްދަތަށް، ތަޢުލީމުދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން މެދުކަނޑާލުމަށް އަންގާކަމަށެވެ.
މި ގޮތުން، ކިޔަވައިދިނުން މެދުކަނޑައިލަން އަންގާފައިވާ ތަންތަނުގެތެރޭގައި، ޔުނިވަރސިޓީތަކާއި، ކޮލެޖުތައް މި އުސޫލުގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ތަމްރީނުދޭ މަރުކަޒުތަކާއި، ޓިއުޝަން ސެންޓަރުތަކާއި، ގޭގައި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި، ޤުރުއާން ކުލާސްތަކާއި، އެހެނިހެން ތަޢުލީމުދޭ ކުލާސްތައް ހިމެނޭނެކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު މިބަޔާނުގައި، އޭނާ ވިދާޅުވީ، ކިޔެވުން މެދުކަނޑައިލަން ވަގުތީ ގޮތުން އަންގާފައިވީ ނަމަވެސް، ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި ނިންމާގޮތްތަކުގެ މަތިން ޢަމަލު ކުރެވޭނެ ކަމަށެވެ.

