ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްމާރުކޭޓު މައްސަލަ: އާޒިމް ހާމަކުރެއްވީ ކޮންޓްރެކްޓު ދޫކުރުމުގައި ހަދާފައިވާ ބޮޑެތި ގޯސްތައް!

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް-- ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ ގާނޫނާއި ހިލާފަށް ކަންކަން ކުރަން ފަރިތަ ސަރުކާރެއް ކަމަށާއި، މަސްމާރުކޭޓުގެ ބިން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރާކަމަށް ބުނެވެސް ސިޓީއެއް ދައުރުވާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އާޒިމް ވަނީ ޖުމްލަ ގޮތެއްގައި މާލޭގެ މަސްމާރުކޭޓާއި ގުޅިގެން ހިނގަމުންދާ ކަންކަމަށް އަލިއަޅުވާލައްވައިފައެވެ. އާޒިމް ވިދާޅުވީ މިހާރު ސިޓީ ކައުންސިލުން މުޅި މާލޭގެ ޕްލޭނެއް އެކުލަވާލަމުން ދާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަކީ ހުއްޓުމެއް ނެތި ދޮގު ހަދާ ސަރުކާރެއް ކަމަށާއި އެކަން ރައްޔިތުންވެސް ގަބޫލުކޮށްފި ކަމަށެވެ. އަދި އެކަން ހާމަވަނީ މާލޭ ސިޓީ މޭޔަރުކަމަށް ރައްޔިތުން ދެއްވި ވޯޓުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މަސްމާރުކޭޓާއި ގުޅިގެން މޭޔަރު ވިދާޅުވީ މަސައްކަތާއި ހަވާލުވުމުގެ ކުރިއަށް ހުރިހާ ކޮންޓްރެކްޓެއް އޮތީ ޕީއެންސީންގެ މެޖޯރިޓީ އޮތް ކައުންސިލުން ހައުސިންގ މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށެވެ. މޭޔަރު ވިދާޅުވީ އެ މަސައްކަތްތައް އަވަސް ކުރުމަށްޓަކައި 6 މަސް ދުވަހުގެ މުއްދަތެއްވެސް ދެއްވި ކަމަށާއި އެހެންނަމަވެސް އެކަން ނުކޮށް އަނބުރާ ފޮނުވާލީ ކަމަށެވެ.

އެއީވެސް މިނިސްޓަރ މުއްތަލިބްގެ ނާގާބިލުކަމާއި ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ހިނގައިދިޔަ ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. އޭރު އެ ހުރިހާ ކޮންޓްރެކްޓެއްވެސް ގެންދިޔައީ މޭޔަރާއި ހަވާލުނުކުރާން އެ މަސައްކަތްތައް އަވަސްކުރަން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެއީ 21 ކޮންޓްރެކްޓު ކަމަށާއި، އެ ކޮންޓްރެކްޓުތައް ގެންދިޔައީވެސް ނޯޓު ނުކޮށް ކަމަށެވެ. އެ ކޮންޓްރެކްޓުތައް އަނބުރާ ގެނައި އިރު، މަސްމާރުކޭޓުގެ މައްސަލަ ފާހަގަކުރެވުނު ކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ އެތަނުގެ ބިމާއި ހުރިހާ އެއްޗަކީވެސް ހައުސިންގ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ތަންތަން ކަމަށާއި އެހެންނަމަވެސް އެ ކޮންޓްރެކްޓުތައް އަނބުރާ ފޮނުވާލީ ކޮންމެވެސް ސަބަބެއް އޭގައި އޮވެގެން ކަމަށެވެ.

”މި ދައްކަނީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ތައްޔާރުކޮށްފައިވާ ކޮންޓްރެކްޓުތަކެއް ރައީސް މުއިއްޒު އައްޔަނުކުރައްވާފައިވާ މިނިސްޓަރަކަށް އަވަސްކުރަންށޭ ކިޔާ ހަވާލުކުރި ވާހަކަ. އެކަމަކު އެ މަސައްކަތް ނުކޮށް އަނބުރާ ފޮނުވާލީ ކީއްވެހޭ. އެއްގޮތަކީ ޒިންމާދާރުކަންކުޑަވީމަ. އަނެއް ގޮތަކީ އެ ކޮންޓްރެކްޓުތަކުގެ ވިޔާނުދާކަމުން އެ މަސައްކަތުގައި އަތްލާން ނުކެރުނީ. އަލުން އަނބުރާ އައިސް ބެލި ބެލުމުގައި ފާހަގަވީ، އަދި އޮޑިޓް ޕްރޮސެސްގެ ތެރެއިން ފާހަގަވީ އެބަ އޮތޭ ދެ ކޮންޓްރެކްޓު. ފުރަތަމަ ކޮންޓްރެކްޓުގައި މި އޮންނަނީ ބިޑުގައި ބައިވެރިވި ފަރާތަކަށް ދީފައި. ދެވަނަ ކޮންޓްރެކްޓެއްގައި މި އޮންނަނީ ބިޑުގައި ބައިވެރިނުވާ ފަރާތަކަށް ދީފައި.“

އާޒިމް ވިދާޅުވީ، އެ މަސައްކަތް ހަވާލުކޮށްފައި އޮތީ ކޮން ގޮތަކަށްކަން ލިޔެކިޔުމުން ސާފުވާން ނެތް ކަމަށެވެ. އާޒިމް ވިދާޅުވީ އެ މަސައްކަތް ކުރިން 6 މިލިއަނެއްހާ ޑޮލަރަށް ހަވާލުކުރުމަށްފަހު އަނެއްކާވެއް 9 މިލިއަނެއްހާ ޑޮލަރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ ބޮޑު ބަދަލެއް ކޮންޓްރެކްޓަށް ގެނެސްފައިވާއިރު މި ދެކެވެނީ 3 މިލިއަނެއްހާ ޑޮލަރު އިތުރު ކުރެވުނު ވާހަކަ ކަމަށެވެ. އެ ކޮންޓްރެކްޓަށް އެކި ކަހަލަ ބަދަލުތައް ގެނެސްފައިވާ ކަމަށް ފާހަަކުރައްވާ އާޒިމް ވިދާޅުވީ ތިންވަނަ ފަރާތަކަށް މަސައްކަތް ކުރެވިދާނެ ކަމާއި އެފަދަ ބައިވަރު ”ވިޔާނުދާ“ ކަންކަން ކޮންޓްރެކްޓުގައި ހިމަނާފައި އޮތް ކަމަށެވެ.

މޭޔަރު ވިދާޅުވީ ކޮންޓްރެކްޓު އޮތީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެއަށްފަހު އަނެއްކާވެސް ތިންވަނަ ކޮންޓްރެކްޓެއް ހައުސިންގ މިނިސްޓްރީން މަސްމާރުކޭޓު މަޝްރޫއުއަށް ހެދުމަށްފަހު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިނިސްޓަރަށް ވަރަށް ރަނގަޅަށް އެ ބިން ބަޔަކާއި ހަވާލުކޮށްފައި އޮތްކަން އެނގޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މަސްމާރުކޭޓުގެ ކޮންޓްރެކްޓު ތައްޔާރުކޮށްފައި ވަނީ އެމީހުންނަށް ފައިސާ ނުދެވޭ ކަމަށްވާނަމަ، އެ ބިން އެ ފަރާތްތަކަށް ލިބޭ ގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ހުރިހާ ކަމެއްވެސް ކުރަން ބޭނުންވަނީ ގާނޫނީ އިމުގެ ތެރެއިންކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ގާނޫނީ އިމުން ބޭރުން ކަންކަން ކުރަން ބޭނުންވާ މީހުން އުޅޭނަމަ ތަން ފަސާދަ ވެގެންދާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މިނިސްޓަރ މުއްތަލިބް ސިޓީއެއް ފޮނުއްވާފައިވާއިރު އެ ސިޓީގައިވެސް އިތުރުފުޅު ހައްދަވާފައިވާ ކަމަށާއި، ރަސްމީ ހައިސިއްޔަތުން ދުވަހަކުވެސް މިނިސްޓަރާއި ބައްދަލުނުވާ ކަމަށާއި އަދި ފޯނަށް ޖަވާބުވެސް ނުދެއްވާ ކަމަށެވެ. މީގެ އިތުރުން މި މަސައްކަތް ކުރިއަށް ގެންދާ ހާލަތުގައި ތިން ވަނަ ފަރާތަކުން ސިޓީ ކައުންސިލަށް ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް އެދި މިނިސްޓަރ މުއްތަލިބަށް ސިޓީއެއްވެސް ފޮނުއްވި ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: