ފާއިތުވެދިޔަ 91 ދުވަހުގެތެރޭގައި، ކުޑަކުދިންނާއި ގުޅުންހުރި 391 މައްސަލަ ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ވޭތުވެދިޔަ 3 މަސް ދުވަހުގެތެރޭގައި ވެސް، ކުދަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތައް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ.
މި ގޮތުން، ވޭތުވެދިޔަ ތިންމަސްދުވަހުގެތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި 391 މައްސަލަ، އެ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށާއި، ގެވެށި އަނިޔާގެ ގޮތުގައި 99 މައްސަލަ ހުށަހެޅިފައިވާކަމަށް މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.
ތަފްސީލު ދެއްވަމުން ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ޖެނުއަރީމަހުގައި 121 މައްސަލަ ހުށަހަޅާފައިވާކަމަށާއި، ފެބުރުއަރީމަހުގައި 169 މައްސަލަ ހުށަހަޅާފައިވާކަމަށާއި، މާޗުމަހުގައި 101 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ 34 މައްސަލައެއް ޖެނުއަރީމަހުގައި ހުށަހަޅާފައިވާކަމަށާއި، ފެބުރުއަރީ މަހުގައި 39 މައެްސަލަ ހުށަހަޅާފައިވާކަމަށާއި، މާޗުމަހުގައި 26 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.
ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، މި ހާލަތުގައި ވެސް، ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތައް 1412 އަށް ގުޅައިގެން ހުށަހެޅޭނެކަމަށާއި، މިފަދަ މައްސަލައެއް އޮތްނަމަ ލަސްނުކޮށް ހުށަހެޅުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ވޭތުވެދިޔަ މާޗުމަހުގެތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ހުށަހެޅި މިންވަރު މަދުވެފައިވާކަމަށެވެ.
އެހެންނަމަވެސް، މި އަހަރުގެ ފާއިތުވެދިޔަ ތިންމަހާއި އަޅާބަލާއިރު، ހުސްވި 2019 އަހަރުގެ ފަހު ތިން މަހުގައި ކުޑަކުދިންގެ މައްސަލަތައް ހުށަހެޅުނު މިންވަރު މަދުކަމަށް ޖެެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ގޮތުން، ހުސްވި އަހަރު އޮކްޓޫބަރުމަހުގައި، 122 މައްސަލައަކާއި، ނޮވެމްބަރުމަހުގައި 75 މައްސަލައަކާއި، ޑިސެމްބަރު މަހުގައި 134 މައްސަލައަކާއެކު ޖުމްލަ 331 މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ.

