ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އޮތް ހާލަތަކީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރާ ޖެހޭ ފަދަ ހާލަތެއް: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޗަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިހާރު އޮތް ހާލަތަކީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރީއްޔާ އިއުލާން ކުރައްވަން ޖެހޭ ހާލަތެއް ކަމަށް ރައްޔުިތުންގެ މަޖިލީޙުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަވޯޓާ ޝަރީފް ވިދާޅުވެއްޖެއެވެ. 

ޝަރީފް މިފަދައިން ވިދާޅުވީ ކައުންސިލް އިންތިހާބު ފަސްކުރުމަށް ފަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ މިހާރު ރާއްޖޭގައި އޮތް ހާލަތަށް ބަލާއިރު ގެނެވިދާނެ އިސްލާހެއްތޯ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ސުވާލު އުފައްވައި މަޖިލީޙުގެ މެމްބަރުންގެ މަޝްވަރާއަށް އެދިވަޑައިގެން ވާހަކަފުޅު ދެއްކުވުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިވަގުތު ގާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާއި މެދު ރައީސް ނަޝީދު ސުވާލު އުފެއްދެވީ މިހާރު މުޅީ ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބަުން ބަލިން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްޔްއަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ވެރިރަށް މާލޭގައި ބޭރަށް ނުކުމެ އުޅުން މަނާކޮށް އަސާސީ އެތައް ހައްގުތަކެއް ހިފެހެއްޓިފައިވާތީއެވެ. އަދި ގާނޫނުއަސާސީގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. 

މިފަދަ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެތޯ ސުވާލު އުފައްދަވައި މެމްބަރުންގެ މަޝްވަރާއަށް އެދިވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހުޅުވާލި ފުރުސަތުގައި ޝަރީފް ވިދާޅުވީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރީއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރައްވާހާ ހިނދަކު ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ހުރަހެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. 

ޝަރީފް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން ރައީސުލްޖުމްހޫރީއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރައްވަނީސް ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ހަްގެއް ނުހިފެއްޓޭނެ ކަމަށާއި އަދި އެއްވެސް ގާނޫނަކަށް އަމަލުކުރުން ވެސް ނުހުއްޓުވޭނެ ކަމަށެވެ. 

ޝަރީފް ވިދާޅުވީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަސާސީ އެއްވެސް ހައްގަެއް ނުހިފެހެއްޓޭނެ ކަމަށާއި އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ވެސް ނުހުއްޓުވޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭނެ ގޮތާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ރައީސުލްޖުމްހޫރީއްޔާ އަމަލު ކުރަން ޖެހޭނެ ގޮތް ބަޔާންކޮށްފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. 

މީގެއިތުރުން ޝަރީފް ވިދާޅުވީ މިވަގުތު ގާނޫނުއަސާސީގައި ބުނާ ފަދަ ބަލިމަޑުކަމެއްގެ ބިރުވެރިކަން ރާއްޖެއށް ވެސް ކުރިމަތިވެފައިވާ ކަމަށާއި އެހެން ކަމުން މިހާރު ކުރަމުންދާ ހުރިހައި ކަމެއްވެސް ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރީއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން ރައީސުލްޖުމްހޫރީއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މިހާރު ދިމާވަމުންދާ ހުރިހައި މައްސަލަތަކަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށާއި އެގޮތުން އިންތިހާބު ފަސްކުރުމާއި އަދި ބައެއް ގާނޫނުތަކަށް އަމަލު ކުރުން ފަސްކޮށް ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހައި ކަމެއްވެސް ކުރަން ފަސޭހަވެގެންދާނެކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: