ކޯވިޑް-19 އަށް ޓެސްޓުކޮށް މިހާރަށްވުރެ އަވަހަށް ނަތީޖާތައް ނެރެވޭނެ އިންތިޒާމު އައިޖީއެމްއެޗުގައި ޤާއިމުކުރެވިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ޑަބްލިޔުއެޗްއޯއިން ލިބުނު އެހީތެރިކަމާއި ހިސާބުން ޓެސްޓުކުރުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތަށް ހުއްޓުނީ ނޫންކަމަށާއި، ރާއްޖޭގައި ބަލިފެތުރިއްޖެ ހިނދެއްގައިވެސް، އެއްވެސް ދަތިކަމެއްނެތި ޓެސްޓުކޮށް ނަތީޖާ ނެރެވޭނެ އިންތިޒާމު ހަމަޖައެްސަމުން ގެންދަވާނެކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ އަދިވެސް ދުނިޔޭގައި ހަލުވިކަމާއި ބާރުމިނުގަ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، މިއީ މިކަމާދޭތެރޭ ލުއިކޮށް ދެކެވެންއޮތް ހާލަތެއްކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.
މި ގޮތުން، ކުރިއަށް އޮތްތަނުގައި ރާއްޖެގައި މިބަލި ފެތުރިގެން ހިނގައްޖެ ހިނދެއްގައި އެންމެ ބޭނުންވާނީ، ޓެސްޓުކުރުމުގެ ކަންތައްކަމަށްވާތީ، އެ ކަންކަމަށް ސަރުކާރުން މިދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންކަމުގައި ވެސް އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން5000 ޓެސްޓްކިޓް ހަދިޔާކޮށްފައިވަނިކޮށެވެ. ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޓެސްޓް ކިޓުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރު އަމީން އެވެ. އެ ޖަމްޢިއްޔާގެ ފަރާތުން ކިޓްތައް ހަވާލުކޮށްދެއްވީ، އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރިޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތޫރްއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ކޯވިޑް-19 ފެތުރިގެން މިހާ ހިސާބަށްއައިއިރު ރާއްޖޭގައި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.
އަމީން ވިދާޅުވީ މި ބައްޔަށް ޓެސްޓުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖޭގައި ކުރެވުނު މަސައްކަތްތައް ޚާއްސަގޮތެއްގައި ފާހަގަކުރައްވާކަމަށާއި، އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ވަސީލަތްތަކާއި، ކުރެވުނު މަސައްކަތްތަކަށްބަލާއިރު، މި ކަމުގެ ވަރަށް ކުރީކޮޅުގައި، ޓެސްޓުކުރުމުގެ ޤާބިލުކަން އައިޖީއެމްއެޗްގައި ކުރެވުން ވެގެންދިޔައީ، މި ބައްޔާއި ކުރިމަތިލުމުގައި ކުރެވުނު ވަރަށް ބޮޑު މަސައްކަތްތަކެއްކަމަށެވެ.
އަމީން ވިދާޅުވީ، މިހާތަނަށް ޓެސްޓުކުރުމުގެ ކަންކަން މި ގެންދިޔައީ، ޑަބްލިޔުއެޗްއޯއާއި، އެޗްޕީއޭއާއި ޓެކްނިކަލް ފަރާތްތަކުގެ މަޝްވަރާއާއިއެކީގައި ކަމަށާއި، ޓެސްޓުކުރުމުގެ ކަންތައްތައް ކުރިއަށްގެންދިޔައީ، މި ބައްޔަށް ޓެސްޓުކުރުމުގައި ހުރި ޑެފިނިޝަންތަކުގެ މައްޗަށް ރިޢާޔަތްކޮށްކަމަށެވެ.
މި ގޮތުން، ޓެސްޓުކުރުމުގެތެރޭގައި އަމާޒު ހިފާފައިމިވަނީ، ރާއްޖެއަށް ބަލިއައުން ކޮންޓްރޯލްކުރުމަށާއި، އެނގުމެއްނެތި ރަށުތެރޭގައި ބަލި އުޅެދާނެކަމަށް ނުވަތަ ބަލިއުޅެއްޖެ ހިނދެއްގައި، އެ ކަން ދެނެގަތުމަށް މަގުފަހިކުރުމުގެގޮތުންކަމަށެވެ.
އަމީން ވިދާޅުވީ، ރާއްޖެއިން ޕޮޒިޓިވްވެ ފަރުވާދެވުނު ފަރާތްތަކާއި، ޝައްކުކުރެވުނު ފަރާތްތަށް ޓެސްޓުކުރުމުގައި ބަލާފައިވާނީ، ކުރިއަށްއޮތްތަނުގައި ބައްޔަށް ފަރުވާދިނުމާއި، މި ބަލި ކޮންޓްރޯލްކުރުމަށް ރޭވުންތައް ރޭވުމަށް މަގުފަހިކުރުމުގެގޮތުންކަމަށެވެ.
އަމީން ވިދާޅުވީ، މިހާތަނަށް އައިއިރު 1500 އަށް ވުރެ ގިނަފަރާތްތަށް ޓެސްޓުކުރެވިފައިވާކަމަށެވެ.
މި ރަސްމިއްޔާތުގައި އަމީންވަނީ، ޑަބްލިޔުއެޗްއޯއިން ވެދެއްވާ އެހީތެރިކަން ޚާއްސަގޮތެއްގައި ފާހަގަކުރައްވާކަމަށް ވިދާޅުވެ ޝުކުރުއަދާކުރައްވާފައެވެ. އަމީން ވިދާޅުވީ، ޑަބްލިޔުއެޗްއޯއިންވެދޭ އެހީތެރިކަމާއެކީގައި، ސަރުކާރުން ވަރަށް ބޮޑު ހޭދައެއްކޮށްގެން، ޚާއްސަކޮށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި، މިކަން ފުޅާކުރުމަށްޓަކައި މިހާރުވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.
މީގެ އިތުރުން، އަތޮޅުތެރޭގައި ޓެސްޓުކުރުމުގެ ޤާބިލުކަން ގެނައުމަށްޓަކައި މިހާރު ވެސް މަސައްކަތްކުރެވެމުން އަންނަކަމަށާއި، މިކަމުގައި ވެސް ޑަބްލިޔުއެޗްއޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަން ފާހަގަކުރައްވަކަމުގައެވެ.
އަމީން ވިދާޅުވީ، މިއަދާ ހަމައަށްއައިއިރު ޑަބްލިޔުއެޗްއޯއިން 11000 ޓެސްޓުކުރުމުގެ މަގުފަހިކޮށްދީފައިވާ ކަމަށެވެ.
މިކަން ފާހަގަކޮށް ޑަބުލިޔުއެޗްއޯގެ ޑިރެކްޓަރ ޖެންރަލްއަށާއި، މި ސަރަޙައްދުގެ ޑަބްލިޔުއެޗްއޯގެ އޮފީހަށާއި، އަދި ރާއްޖޭގެ ހުންނަ ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތޫރަށާއި، މާތޫރްގެ ޓީމަށް އަމީންވަނީ ޝުކުރުއަދާކުރައްވާފައެވެ.

