ކޮރޯނާ ވައިރަސްއިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު މުޅި ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތެއްގައި ޑެލިވަރީ ކޮށްދޭން 362 ފިހާރައަކުން އެއްބަސްވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރަން ޖެހޭ ހާލަތެއްގައި މާލޭގެ 269 ފިހާރައަކުން ތަންތަނަކަށް މުދާ ޑެލިވަރީ ކޮށްދޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ވިލިމާލޭގެ 20 ފިހާރައަކުން ވެސް ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
ސިޓީ ކައުންސިލުން ބުނީ އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ސާވާއެއް ކުރިޔަށް ގެންގޮސްފައިވާއިރު، ސާވޭގެ ތެރެއިން ފާހަގަކުރެވުނު 73 ފިހާރަކުން މުދާ ޑެލިވަރީ ކޮށްދޭން އެއްބަސްވެފައިވާ ކަމަށެވެ.
މުދާ ޑެލިވަރީ ކޮށްދޭން އެއްބަސްވި ފިހާރަތަކުގެ ތެރެއިން 282 ފިހާރައަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ. ޑެލިވަރީގެ ހިދުމަތް ދޭނީ މާލޭގެ 202 ފިހާރައަކާއި ވިލިމާލޭގެ 17 ފިހާރައަކާއި ހުޅުމާލޭގެ 73 ފިހާރައަކުންނެވެ.
ވައިރަސްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ވެސް ކޮންމެ ދުވަހެއްގެ ތިން ގަޑިއިރު މާލެ ސަރަހައްދުގައި ކާފިއު ހިންގަ އެވެ. ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ހިންގާ ވަގުތު ބޭރުގައި އުޅޭ މީހުނަށް ދަނީ ފިޔަވަޅު ވެސް އަޅަމުންނެވެ.

