މާލޭ ނޯތު ހާބަރުގައި މުދާ ބަރުކުރުމަށް އުޅަނދުފަހަރު ކިޔޫގައި ޖެހުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މީގެ ކުރިން އެއް އުޅަނދަކަށް އެއްފަހަރާ ތިން ޒޯނެއްގެ ކިޔޫގައި ޖެހެވޭ ގޮތަށް އޮތް އުސޫލު އުވާލައި، ކޮންމެ އުޅަނދަކަށްވެސް ދެން ނަން ނޯޓު ކުރެވޭނީ އެންމެ ކިޔޫއެއްގައި ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
މި ބަދަލު ގެނައުމަށް ނިންމީ ކިޔޫތައް އާދަޔާ ހިލާފަށް ދިގުވެ، އުޅަނދުތަކަށް މުދާ ބަރުކުރުމަށްޓަކައި 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއް މަޑުކުރަން ޖެހޭތީ އޮޑިވެރިންގެ ޝަކުވާ ބޮޑުވުމާ ގުޅިގެންނެވެ. މީގެ ސަބަބުން މުދާ އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.
އާ އުސޫލުގެ ދަށުން، ނޯތު ހާބަރުގެ އޭ ޒޯން، ސީ ޒޯން ނުވަތަ އެކްސްޕްރެސް ޒޯނުގެ ތެރެއިން އުޅަނދަކަށް އިހްތިޔާރު ކުރެވޭނީ އެންމެ ކިޔޫއެކެވެ. މީގެ ސަބަބުން ކިޔޫގައި ހުރި އުޅަނދުތަކުގެ އަސްލު އަދަދު ސާފުވެ، އަވަހަށް ޖާގަ ލިބުމަށް މަގުފަހިވާނެއެވެ.
މީގެ އިތުރުން، ކީވޯލުން ޖާގަ ދިނުމަށް ގުޅުމުން ކައިރި ނުކުރެވިއްޖެ ނަމަ، ފަސް ދުވަހަށް ކިޔޫ ހޯލްޑް ކުރެވޭ ގޮތަށް އޮތް އުސޫލުވެސް މިހާރު ވަނީ އުވާލާފައެވެ. މި ބަދަލާއެކު ޖާގަ ދޫކުރުމުގެ މަރުހަލާ އިތުރަށް ހަލުވިވެގެންދާނެއެވެ.
ޖާގަ ފަސްކޮށްދިނުމުގެ އުސޫލު
ޖާގައަށް ކައިރި ނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެ ނަމަ، ގިނަވެގެން ތިން ފަހަރު މަތިން ޖާގަ ފަސްކޮށްދިނުމުގެ ފުރުސަތު އޮޑިވެރިންނަށް ލިބޭނެއެވެ. ނަމަވެސް އެއަށްވުރެ އިތުރުވެއްޖެ ނަމަ ކިޔޫގައި އޮތް ނަން އުނިވާނެއެވެ.
މި އާ ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:59 އިން ފެށިގެންނެވެ. މި ބަދަލުތަކުގެ ސަބަބުން ނޯތު ހާބަރުގެ ތޮއްޖެހުން ކުޑަވެ، މުދާ ބަރުކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

