ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަ ރުޤްޔާކުރާ މީހުން ގޮތް ނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެ: ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިހުރުހެދުމަކީ އެންމެ ޝިރުކުގެ ތެރޭގައި ހިމެނޭ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަމަށާއި ސައްހަ ރުޤްޔާކުރާ މީހުން ގޮތް ނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ސިހުރު ހެދުމުގެ ނުބައިކަމާ ގުޅޭގޮތުން މިއަދު ދެއްވި ހުކުރު ހުތުބާގައި ވަނީ ސިހުރުވެރިޔާ، ކޮންމެ ކަމެއްގައިމެ ޝައިޠާނާއަށް ކިޔަމަންވުމަށް އޭނާއާއެކު ޢަހުދުކަށަވަރު ހިފައިފުމަށް ދާންދެން ސިހުރުވެރިއަކަށް ނުވެވޭނެކަން ފާހަގަކޮށްފައެވެ. އެގޮތުން ޖުނުބުވެރިކަމުން ހިނައިނުގަނެ ދިގު މުއްދަތަކަށް ހުރުމަށާއި، ފަޅު ތަންތަނަށް ނުވަތަ ކުނިބުންޏާއި ނަޖިސް ތަންތަނަށް ގޮސް، އެ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުމަށް ޝައިޠާނާ އޭނާއަށް އަމުރުކުރާ ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވާ ގޮތުގައި ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމަށާއި، ވުޟޫއާއި ނުލައި ނަމާދުކުރުމަށް ޝައިތާނާ އަމުރުކުރެއެވެ. އަދި ޖިންނި ޝައިޠާނުންގެ ނަމުގައި ކަތިލައި، ޖިންނި ޝައިޠާނުންގެ އެހީއަށް އެދި، އެ ނޫން ވެސް ބޮޑެތި ފާފަތަކަށް އަރައިގަނެ، އިސްލާމް ދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މި ސަބަބަށް ޓަކައި، ސިހުރުވެރިޔާގެ ކާފިރުކަމާއި، ނުބައިކަން ބޮޑުވެ، މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި ޢަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރު ބާރުގަދަވެފައި މާ އަވަހަށް އަސަރުކުރާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.

”އަދި އެއުރެންނާ އެކުގައިވާ ފޮތް ތެދުކުރައްވާ ރަސޫލަކު، ﷲގެ ޙަޟުރަތުން އެއުރެންގެ ގާތަށް ވަޑައިގަތް ހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، ﷲގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، ﷲ ބާވައިލެއްވި ފޮތެއްކަން ވެސް) އެއުރެން ނުދަންނަ ކަހަލައެވެ. އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން ތަބަޢަވޫއެވެ. ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފިރުވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައިދިނުމުންނެވެ.“

ސިހުރުހާހޫރައަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކަކާއި، ކިޔަވާ ކިޔެވުންތަކަކާއި ހަދާ މަންތަރުތަކަކާއި ޖަހާ އަކަތަކަކާއި ގޮށްތަކެއް ކަމަށާއި އަދި އެ ނޫން ގޮތަކުންވެސް ސިހުރު ހެދޭ މީހާގެ ގައިގައި ބީހުމަކާ ނުލައި، އޭނާގެ ހަށިގަނޑަށް ނުވަތަ ވިސްނުމަށް ނުވަތަ ހިތަށް އެކަމަކުން އަސަރުކުރުވާ ކަމަށް ހުތުބާގައިވަނީ ބުނެފައެވެ. ސިހުރަކީ ކީރިތި ޤުރްއާނާއި ސުންނަތުން އޭގައި ޙަޤީޤަތެއްވާކަން އެނގޭ ކަމެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އަދި ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ.

”ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރިކުރައްވައިފައިވާ) އިމްތިޙާނެއްކަމުގައޭ، ފަހެ (ސިހުރު ދަސްކޮށްގެން) ކާފިރު ނުވާށޭ ވިދާޅުވެ (ނަސޭހަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ.“

ސިހުރުވެރިޔާއަށް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް، ނަޞީބެއް ނުވާކަމަށާއި ސިހުރުވެރިޔާއަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ މީހުންގެ ތެރެއިންވާ މީހެއްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ބައްޔެއް ވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ޤަބޫލުކުރުން ވެސް މާތް ﷲ ނަހީކުރައްވައިފައިވާކަމަށާއި ސިޙުރުވެރިޔެއް ނުވަތަ ކާހިނެއް ކުރެން ކަމަކާ މެދު ސުވާލުކޮށް، އޭނާގެ ވާހަކަ ޤަބޫލުކޮށްފި މީހަކީ ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެ މީހެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފިނަމަ ސާޅީސް ދުވަސް ވާންދެން އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެއެވެ.“ އަދި އެފަދަ މީހަކު ބުނާ ބަހެއް ޤަބޫލުކުރާ މީހާއާ މެދު ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ.  ”ސިޙުރުވެރިޔެއް ނުވަތަ ކާހިނެއް ކުރެން ކަމަކާ މެދު ސުވާލުކޮށް، އޭނާގެ ވާހަކަ ޤަބޫލުކޮށްފި ނަމަ، މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް އޭނާ ކާފަރުވެއްޖެކަން ކަށަވަރެވެ.“

ފަރުވާކުރުމުގެ ނަމުގައި ގެންނަ ސިހުރުވެރީންގެ ސަބަބުން ފަރުދުންނާއި ޢާއިލާތަކާއި މުޖުތަމަޢުގައި ބޮޑެތި ފިތުނަވެރިކަން އުފެދޭކަމަށާއި އެފަދަ ކަންކަމަށް ހެއްލި ތިމާގެ އީމާންކަން ފުނޑުފުނޑުކޮށްނުލުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި އެފަދަ ބާޠިލު ވަހުމްތަކާއި ޝައްކުތަކުން ހިތްތައް ސަލާމަތްކޮށް، ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކޮށް އެކަލާނގެ ޙަޟުރަތަށް ދުޢާ ދެންނެވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

”މުސްލިމް އަޚުންނޭވެ! ސިހުރުވެރިޔާ ކޮންމެ ސިހުރެއް ހެދި ނަމަވެސް މާތް ﷲ ތިބާއަށް ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަޤީންކަމާއެކު ހިތުގެ އަޑީން ޤަބޫލުކުރާން ޖެހެއެވެ. ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫނެވެ. މުސްލިމުންގެ ޢަޤީދާއަކީ ކޮންމެ ނިޢުމަތަކާއި ކޮންމެ މުޞީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުމެވެ. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން (ޚާއްޞަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެކެވެ. ބަލިމަޑުކަމެއް ދިމާވާއިރު ފުރަތަމަ ވެސް މާތް ﷲގެ މަތީން ހަނދުމަކޮށް، އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުމަކީ މުއުމިނުންގެ ސިފައެކެވެ. ފަރުވާއެއް ހޯދާ ނަމަ، އަހަރެމެން ދާންވީ ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ ޞައްޙަ މަގަށެވެ.“

ޝަރުޢީ ރުޤްޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ އަރިހުން ސާބިތުވެފައިވާ ދުޢާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާކަމަށާއި އޭގެ ތެރޭގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް، ނުވަތަ ނޭނގޭ ބަސްތަކެއް ނުވާކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ޞައްޙަ ގޮތުގައި ރުޤްޔާކުރާ މީހާ، މައިންބަފައިންގެ ނަމެއް ނާހާނެކަމަށާއި އަދި ގޮތް ނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެކަން ހުތުބާގައި ފާހަގަކުރެއެވެ.

މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލުމަކަށް ނުވަތަ ދީނުގެ އަދަބާ ޚިލާފު އެއްވެސް ކަމެއް ކުރުމަކަށް ނޭދޭނެކަމާއި އެފަދަ ކަންކަމަކީ ސިހުރުވެރީން ކުރާ ކަމެއްކަން ފާހަގަކޮށް އެފަދަ ކަންތަކަށް ތަބަޢަނުވުމަށް ހުތުބާގައިވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: