ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބޭނުންނުވާ ގޮތަށް ކަމެއް ކުރެވިގެން، އެކަން ބަދަލުކުރުމަކީ ”ޔޫޓާރން“ ނެގުމެއް ނޫން: އިބްރާހިމް ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަަކަ ދައްކަވަނީ / ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަކުން ރައްޔިތުން ބޭނުންނުވާ ގޮތަށް ކަމެއް ކުރެވިގެން އެކަން ބަދަލުކުރުމަކީ ”ޔޫޓާރން“ ނެގުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ޔޫޓާރން ނަންގަވާ ކަމަށާއި މި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް ވަރެއްގެ ހަރުދަނާކަމެއް ނެތްކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވީ، ރައްޔިތުން ބޭނުންނުވާގޮތަށް ކަމެއް ކުރެވިގެން އެކަން އަނބުރާ ގެނައުމަކީ ނުވަތަ ރައްޔިތުންނަށް ފަސޭހަގޮތްތަކެއް މަގުފަހިކޮށްދިނުމަކީ އެއީ ސަރުކާރުން ޔޫޓާރން ނެގުން ނޫންކަމަށެވެ. އަދި މިސަރުކާރަކީ ރައްޔިތުން ބޭނުންވާ ގޮތަށް ހިނގާ ސަރުކާރެއް ކަމަށެވެ.

”އަޅުގަނޑަށްވެސް ރައްޔިތުން ބޭނުންނުވާ ގޮތަށް ނުވަތަ ނުބައި ގޮތަކަށް ކަމެއް ކުރެވިދާނެ, ރައްޔިތުން އެންމެ ބޭނުންނުވާ ގޮތަށް ކަމެއް ކުރެވިދާނެ, އޭގެ މާނައަކީ އަޅުގަނޑު އެކަމެއް އަނބުރާ ގެނައުމަކީ ނުވަތަ ރައްޔިތުންނަށް ފަސޭހަ ގޮތަތަކެއް އެކަމުގެ ތެރެއިން އަނެއްކާވެސް މަގުފަހިކޮށްދިނުމަކީ އެއީ ޔޫޓާރން ނެގުމަކަށް ނުވާނެ،“ މެމްބަރު އިބްރާހިމް ހުސެއިން

ސިނގިރޭޓުން ނަގާ ޑިއުޓީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ, ކުރިން ސިނގިރޭޓޫން ނަގަމުން އައި ޑިއުޓީ 8 ރުފިޔާއަށް ރައީސް ޑރ. މުއިއްޒު އޭރު ބަދަލުކުރެއްވީ ރަނގަޅު ނިޔަތެއްގައި ކަމަށެވެ. ރައްޔިތުންގެ ސިއްހަތާ ދޭތެރޭގައި ޤައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު ވިސްނަވާވަޑައިގެން އެކަން އެގޮތަށް ކުރެއްވި ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރާ މީހާ އެ މީހާގެ އަމިއްލަ ސިއްހަތާއި ދޭތެރޭ ނުވިސްނައި އެކަން އެގޮތަށް ބާއްވަން ބޭނުންނުވިކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ ސިއްހަތާއި ދޭތެރޭ ޤައުމެއްގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު ވިސްނަވާ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނެސް ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުން ރައްޔިތުން އެކަން އެގޮތަށް ބަލައިނުގަތްކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވަނީ މިއަދު ރައްޔިތުން އެމީހުންގެ ސިއްހަތާއި ދޭތެރޭ ނުވިސްނާކަމަށާއި ރައްޔިތުން ބޭނުންވީ ސިނގިރޭޓުގެ އަގުހެޔޮކުރަންކަމަށް ވިދާޅުވެފައެވެ.

”ރައްޔިތުން މިއަދު ބޭނުމެއް ނުވެއޭ ސިނގިރޭޓު އަގުބޮޑުކުރާކަށް, ރައްޔިތުން ބޭނުންވަނީ ސިނގިރޭޓު އަގުހެޔޮކުރަން،“ މެމްބަރު އިބްރާހިމް ހުސެއިން

މެމްބަރު ވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާގެ ޒުވާނުންވެސް އެންމެ ގިނައިން އެދިފައިވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަންކަން ފާހަގަކުރައްވާފައެވެ. މެމްބަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުއަށް އެމަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުން ހިތްހަމަނުޖެހޭކަމެއް ކުރެވިއްޖެނަމަ ރައްޔިތުން ބޭނުންވާ ގޮތަކަށް އެކަމެއް ބަދަލުކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ގިނައިން ރައްޔިތުން އެދުނުކަމަކަށް ވާނެ ސިނގިރޭޓު އަގުހެޔޮ ކުރުން، އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އަނެއްކާވެސް އެނބުރި އެ އަގު ބޮޑު ކުރެއްވި ގޮތަށް އަގުވެސް ހެޔޮކުރީ ނޫންތޯ؟ ރައީސުލްޖުމްހޫރިއްޔާއަށް ކެރިވަޑައިގަންނަވާނެ އެމަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުން ހިތްހަމަނުޖެހޭކަމެއް ކުރެވިއްޖެނަމަ އެކަމެއް އެނބުރި ރައްޔިތުން ބޭނުންވާ ގޮތަކަށް އެކަމެއް ބަދަލުކުރައްވަން ކެރިވަޑައިގަންނަވާނެ،“ މެމްބަރު އިބްރާހިމް ހުސެއިން

ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު އަނެއްކާވެސް 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެ އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. ސަރުކާރުން ބުނި ގޮތުގައި މި ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވެފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO)ގެ ލަފާގެ މަތިންނެވެ.

މި އިސްލާހުގެ އަނެއް މުހިންމު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުންކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން، ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ސިއްހީ ވަސީލަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

އިސްލާހުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުންފަތުގެ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރި ފަހުން، ދުންފަތް ބޭނުންކުރާ ފަރާތްތަކުގެ އާދަތަކަށް އައި ބަދަލުގެ ސަބަބުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މިންވަރު ވަނީ 21 އިންސައްތަ ދަށްވެފައެވެ. އަދި އަގު އަނެއްކާ ވެސް ކުޑަކުރުމާއެކު މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ސިނގިރޭޓު އެތެރެކުރާ މިންވަރު 50 އިންސައްތަ އިތުރުވާނެކަމަށް އާމްދަނީގެ އަންދާޒާގައި ލަފާކޮށްފައެވެ. ނަމަވެސް، އެ ފިޔަވަޅާއެކު، ދައުލަތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭނީ ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ 21 މިލިއަން ރުފިޔާ މަދުން ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: