ޑޮލަރުގެ އަދު ތިރި ނުވާހާ ހިނދަކު އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
”އެކްސްގައި“ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވާ އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ ކަމަށާއި ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓުތައް ރަށު ކައުންސިލްއާއި ހަވާލުކުރުން ރަނގަޅު ވާނެ ކަމަށެވެ.
މީގެއިތުރަށް ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކާ އެ މަސައްކަތް ނިންމިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ދަނީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އެގޮތުން ދާދިފަހުން އެމްޑީޕީގެ ފިނޭންސް މިނިސްޓަރު އަމީރާއި އަދި މިސަރުކާރުގެ އިގްތިސާދީ ވަޒީރު ސައީދާއި ދެމެދު ވަނީ ބަހުގެ ހަމަލާއެއް އަމާޒުވެފައެވެ.
އަމީރު އެމްޑީޕީގެ ޕެނަލްގައި ދެއްވި ވާހަކައަށް ރައްދުދެއްވާ މިނިސްޓަރ ސައީދު ވިދާޅުވީ ޑޮލަރު ތާށިވީ ސަރުކާރުގެ އިސްރާފު ބޮޑުވެގެން ކަމަށް އަމީރު ވިދާޅުވުމުން، ޑޮލަރު ތާށިކޮށް ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ އަމީރު ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ، އިދިކޮޅުގައި ތިބެ އެ ހުރިހާ ވާހަކައެއް ދައްކާއިރު މި މައްސަލަ ހައްލުކުރަން އިގުތިސޯދު ކުރިއަރުވަން ކުރާނެ ކަމެއް ބުނެނުދެވޭ ކަމަށެވެ. އަދި، ދެ ފަހަރު ލިބުނު ފުރުސަތުގައި ވެސް އެމްޑީޕީން ކުރި ކަމަކީ ޓޫރިޒަމަށް ބަރޯސާވެގެން އިގުތިސޯދު ކުރިއެރުވުން ކަމަށާއި އާ ކަމެއް ނުކުރެވޭ ކަމަށެވެ.
އަމީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމަށް 3 އަހަރު ވީއިރު ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރާފައިވަ ކަމަށެވެ. ބޭރުން ޑޮލަރެއް ހޯދޭނެ ގޮތެއް ނެތްތާގައި، ހަޒާނާއިން ކުރަނީ ބޮޑެތި އިސްރާފު ކަމަށް އޭނާ ވިދަޅުވިއެވެ.
އަމީރު ވިދާޅުވީ އިންވެސްޓަރުން ތިބީ ސަރުކާރާ ފެޔަށް ޖެހިގެން ކަމަށާއި މާލީ އިދާރާތަކުގެ އިތުބާރުވެސް ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ.

