އިންޑިއާގެ ތަޢުލީމީ ވަޒީރު އިސްތިއުފާ ދިނުމަށް ގޮވާލައި އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާކުރަން ފަށައިފިއެވެ. މި މުޒާހަރާތައް ކުރަމުންދާތާ ގާނޑަކަށް ހަފްތާއެއްހާ ދުވަސް ވެފައިވާއިރު މުޒާހަރާތައް އަދިވެސް ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ.
މި މުޒާހަރާތައް ވަރުގަދަވެފައި މިވަނީ ’ކޮކްރޯޗް ޖަންތާ ޕާޓީ‘ (ސީ.ޖޭ.ޕީ)ގެ މަންދޫބުން ސަރުކާރާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ފަހުންނެވެ.
ސީ.ޖޭ.ޕީގެ ތަރުޖަމާނު އަޝުތޯޝް ރަންކާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ޑިމާންޑް ކަމަށްވާ އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުން އެއް ދުވަހުގެ މުހުލަތަކަށް އެދިފައިވާ ކަމަށެވެ.
”ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވަންދެން މި މުޒާހަރާތައް ކުރިއަށްދާނެ، އަދި ދުވަހުން ދުވަހަށް މުޒާހަރާގެ ބައިވެރިން އިތުރުވަމުންދާނެ. އެކަން އެގޮތަށް އަވަހަށް ނުވެއްޖެނަމަ، މުޅި ގައުމަށް އަމާޒުކޮށްގެން އިތުރު ބޮޑު މުޒާހަރާއަކަށް ގޮވައިލުމަށް އަޅުގަނޑުމެންނަށް މަޖުބޫރުވާނެ،“ ރަންކާ
މީގެ މަހަކަށްވުރެ ގިނަ ދުވަސް ކުރިން ފެށުނު މި މުޒާހަރާތައް އިތުރަށް ވަރުގަދަވެ ހޫނުވެގެން ދިޔައީ، މިދިޔަ ހަފުތާގައި ޕާލަމެންޓަށް ހިނގާލުމެއް ބޭއްވި މީހުންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެންނެވެ.
މި މުޒާހަރާތައް އިސްވެ ހިންގަނީ ’ސީ.ޖޭ.ޕީ‘ އިންނެވެ. މިއީ އިންޓަނެޓް މެދުވެރިކޮށް ހަޖޫޖެހުމުގެ މަގުސަދުގައި ޒުވާނުންތަކެއް އިސްވެ އުފެއްދި ޕާޓީއެއް ނަމަވެސް، މިހާރު ޒުވާނުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ފާޅުކުރުމަށް ބޭނުންކުރާ ވަރުގަދަ ވަސީލަތެކެވެ.
ސީ.ޖޭ.ޕީގެ އަނެއް ތަރުޖަމާނު ސޯރަވް ދާސް ބުނީ، އެ ޕާޓީން ހުށަހެޅި އިތުރު ދެ ކަމަކަށް ސަރުކާރުން އެދެވޭ ޖަވާބެއް ދީފައިވާ ކަމަށެވެ. އެއީ މިއަހަރުގެ މެއި މަހު ބޭއްވި މެޑިކަލް އެންޓްރަންސް އިމްތިޙާން ކެންސަލްކުރުމާ ގުޅިގެން، މާޔޫސްވެގެން އަމިއްލައަށް މަރުވި ކަމަށް ބުނާ ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމާއި، ޕާލަމެންޓް ދޮށަށް އެއްވި މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތައް އަނބުރާ ގެންދިއުމެވެ. އަދި ހޮނިހިރު ދުވަހު ދެފަރާތުން އަލުން ބައްދަލުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ފެޑެރަލް މިނިސްޓަރު ޖޭ.ޕީ ނައްޑާ ނޫސްވެރިންނަށް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ހޮނިހިރު ދުވަހު ސީ.ޖޭ.ޕީ އަށް އަންގާނެ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ، މުޒާހަރާގެ ބައިވެރިންނަށް ތާއީދުކުރުމުގެ ގޮތުން މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 26 ދުވަހަށްފަހު ނިންމާލިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.
އޭގެ ކުޑައިރުކޮޅެއް ކުރިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް، އިމްތިހާނު ކަރުދާސްތައް ލީކުވާ މައްސަލައާ ދެކޮޅަށް ހަރުކަށި އައު ގާނޫނެއް ތައާރަފުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި މުޒާހަރާތައް ވެފައިވަނީ މޯދީގެ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ފުރަތަމަ މަދު ހަފުތާތަކެއްގައި ސަރުކާރުން މަސައްކަތްކުރީ މިކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލުމަށެވެ. ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު ކަންތައްތައް ބަދަލުވެގެން ދިޔައީ، ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކުން ވަންގްޗުކް މުޒާހަރާ ކުރާ ސަރަހައްދުން ގަދަކަމުން ނެރެ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެންނެވެ.
އޭގެ ދެ ދުވަސް ފަހުން، ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބޭއްވުމަށް މަސައްކަތް ކުރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ދިއްލީގެ ފުލުހުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމުން، އާންމުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިގެން ދިޔައެވެ.
ބުރާސްފަތި ދުވަހުގެ ރޭ މޯދީ އާންމުކުރެއްވި ވީޑިއޯ މެސެޖަކީ، އިންސްޓަގްރާމް ފަދަ މަންސަތަކުގައި ހަރަކާތްތެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯގައި މޯދީ ވިދާޅުވީ، އިމްތިހާނު ކަރުދާސް ލީކުކުރުމާ ދެކޮޅަށް ހަރުކަށި އައު ގާނޫނެއް ފަރުމާކުރަމުންދާކަމަށެވެ. އަދި އެ ގާނޫނުގެ ދެލިކޮޕީ ލިބިވަޑައިގެންފައިވާ ކަމަށާއި، ވީ އެންމެ އަވަހަކަށް އެ ބިލު ޕާލަމެންޓަށް ހުށަހެޅުމަށް ބޭނުންވާކަމަށްވެސް މޯދީ ވިދާޅުވިއެވެ.
އިމްތިހާނު ކަރުދާސްތައް ލީކުވުމަކީ މި މައްސަލަ ހަލަބޮލިވުމުގެ އަސްލެވެ. ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި އެ ގައުމުގައި އެތައް ފަހަރަކު މިފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. މިފަހަރުގެ މުޒާހަރާތައް އިތުރަށް ގޯސްވެގެން ދިޔައީ، މެޑިކަލް ދާއިރާއަށް ވަނުމަށް ބާއްވާ ’ނީޓް”އިމްތިހާނުގެ ކަރުދާސް ލީކުވުމާ ގުޅިގެންނެވެ.
މެއި މަހުގެ 3 ވަނަ ދުވަހު ބޭއްވި އެ އިމްތިހާނުގައި ގާތްގަނޑަކަށް 2.28 މިލިއަން ދަރިވަރުން ބައިވެރިވިއެވެ. ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އިމްތިހާނު ބާތިލުކޮށް، އަލުން އިމްތިހާނު ބޭއްވުމަށް ވަނީ ނިންމާފައެވެ. ޓެސްޓެއްގެ ކަރުދާސްތައް ލީކުވުމަކީ ތައުލީމީ ކޮރަޕްޝަނުގެ ހެއްކެކެވެ. މީގެ ސަބަބުން ދަރިވަރުންނަށް އަލުން ޓެސްޓް ހެދުމަށް މަޖުބޫރުވިއިރު، ބައެއް ދަރިވަރުން މިކަމާ ގުޅިގެން އަމިއްލައަށް މަރުވެފައި ވެސްވެއެވެ.
މި މުޒާހަރާ މިހާރު އިތުރަށް ހޫނުވެފައިވާއިރު، ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖުލައި މަހުގެ 21 ވަނަ ދުވަހާ ހަމައަށް 180 މީހަކަށް ވަނީ އަނިޔާވެފައެވެ. އެ ޕާޓީން ބުނީ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލުމަށް ކުރަމުންދާ އެ މުޒާހަރާ ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

