މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބާއްވާނެ ފަދަ މާހައުލެއް ނެތުމުން މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލްގެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައި ބިލް މަޖިލީހުގެ އެޖެންޑާގައި ނުހިމަނައި މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ކަނޑައަޅާނީ މަޖިލީހުގެ ރައީސްއެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނި ނަމަވެސް ބިލްގެ ފުރަތަމަ ކިޔުން އިއްވާފައެއް ނުވެއެވެ.
އެގޮތުން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލްގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ނަޝީދު ދެކޮޅު ހައްދަވާފައި ވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ބުނެއެވެ.
މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް މަޖިލީޙުގެ ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް ފަހު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވަނީ އެ ބިލް ނަގާފައެވެ. ބިލް މަޖިލީޙުގެ އެޖެންޑާއިން ނަގާފައިވާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނުއުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެ މަޖިލީޙުގެ ކައުންސެލް ޖެނަރަލް ވަނީ މަޖިލީޙުގެ ރައީސް ރައީސް ނަޝީދުއަށް ގާނޫނީ ލަފާ ދެއްވާފައެވެ. ނަމަވެސް ކައުންސެލް ޖެނެރަކްގެ ލަފާ ރައީސް ނަޝީދު ގަބޫލު ކުރައްވާފައެއް ނުވެއެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ކައުންސެލް ޖެނަރަލް ދެއްވި ލަފާ ގަބޫލު ނުކުރައްވާ މަޖިލީހުގެ ރައީސް ރައީސް ނަޝީދު އާންމު ކުރި މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ވަނީ ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން ހުށަހަޅުއްވާފައިވާ ހާއްސަ ބިލާއި، އަދި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލެވެ.
މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ހަސަން ލަތީފް ހުށަހެޅުއްވި ބިލާއި ގުޅޭ ގޮތުން ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދަނީ ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމެއް ގާނޫނަކުން ބަދަލު ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ބޭނުންވާނަމަ އިސްލާހު ގެންނަން ޖެހޭނީ ގާނޫނުއަސާސީއަށް ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރުމަކީ ގާނޫނުއަސާސީއާއި ހިލާފް ކަމެއް ކަމަށް ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

