ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރަންސޭސިވިލާތާއި ސްޕެއިންގައި ރޯވަމުންދާ އަލިފާންގަނޑުތައް: ދެ ލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް!

ސްޕެއިންގެ އަވީލާ ޕްރޮވިންސްގައި ރޯވަމުންދާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ގެޓީ އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރަންސޭސިވިލާތާއި ސްޕެއިންގައި ރޯވެފައިވާ ނުރައްކާތެރި އަލިފާންގަނޑުތަކުގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އެންގި މީހުންގެ އަދަދު 220،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ބޯޑަރު ސަރަހައްދުން އެކަނިވެސް 60،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އަމުރުކޮށްފައެވެ.

ފަރަންސޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ ޖިރޮންޑޭ އަދި ލޭންޑްސް ސަރަހައްދުން ގާތްގަނޑަކަށް 200،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެގައުމުގެ ރައީސް އެމަނުއެލް މެކްރޮން ވަނީ އަސްކަރިއްޔާ ނެރުއްވާފައެވެ.

މިދަނޑިވަޅުގައި، ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ހުޅަނގުން ރޯވި ތިން އަލިފާންގަނޑެއް އެކުވެ، ބޮޑު އެއް އަލިފާންގަނޑަކަށް ބަދަލުވުމާ ގުޅިގެން، އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަކީ އަލިފާން ނިއްވާ މީހުންގެ ގާބިލުކަން ހުރި މިންވަރަށްވުރެ ބޮޑު ކަމެއް ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ސްޕެއިން ސަރުކާރުން މިހާރު ވަނީ ގައުމީ ފެންވަރުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން 25،000 މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގާފައިވާއިރު، ގާތްގަނޑަކަށް 40،000 މީހުން ގޭގައި މަޑުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މެޑްރިޑް ސަރަހައްދުގެ ރައީސާ އިޒަބެލް ޑިއާޒް އަޔޫސޯ ވިދާޅުވި ގޮތުގައި، މިއީ އެ ސަރަހައްދުގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މިއީ މަތީ ހޫނުމިނާއި، ގަދަ ވަޔާއި، އަލިފާންގަނޑުތައް އެކުވުން ފަދަ ނުރައްކާތެރި ހުރިހާ ސަބަބުތަކެއް އެއްވަގުތެއްގައި ދިމާވެގެން އުފެދުނު ”ބޮޑު ކާރިސާއެއް“ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސްޕެއިންގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، އަލިފާންގަނޑު މިހާރު ދަނީ ވެރިރަށާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ރޮބްލެޑޯ ޑި ޗަވޭލާ އާއި ފްރެސްނެޑިލާސް ޑި ލަ އޮލިވިއާ ފަދަ އާބާދީތަކާ ދިމާލަށް ފެތުރެމުންނެވެ.

މެޑްރިޑް ސަރަހައްދުގެ އިމަޖެންސީ މެނޭޖްމަންޓް ޗީފް ކާލޯސް ނޮވިލޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާންގަނޑު މިހާރު ހުރީ އިންތިހާއަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، އެ އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ ގާބިލުކަން މިވަގުތު ފަޔަރ ފައިޓަރުންގެ ކިބައިގައި ނެތް ކަމަށެވެ.

އަލިފާންގަނޑު ފެތުރިގެން ދިއުން ހުއްޓުވުމަށް ޓަކައި ސްޕެއިންގެ މިލިޓަރީ އިމަޖެންސީ ޔުނިޓް (ޔޫ.އެމް.އީ) އިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ޔުނިޓުން އެންމެ ބޮޑު އިސްކަމެއް ދެނީ އެލް އެސްކޯރިއަލް ނަމަކަށް ކިޔާ ރަށާ ކައިރި ހިސާބުތައް އަލިފާނުގެ ނުރައްކަލުން ސަލާމަތްކުރުމަށެވެ.

މީގެ އިތުރުން، ކައިރީގައި އޮންނަ އަވީލާ ޕްރޮވިންސްގައި ރޯވެފައިވާ ވަކި އަލިފާންގަނޑެއްގެ ހާލަތުވެސް ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އޮފިޝަލުން ކަންބޮޑުވުން ފާޅުކުރަނީ އެ ސަރަހައްދުގައި ރޯވެފައިވާ ބޮޑު ބާގޯހޮންޑޯ އަލިފާންގަނޑު، މެޑްރިޑްގައި ރޯވެފައިވާ އަލިފާންގަނޑާ އެކުވެދާނެތީއެވެ.

ސްޕެއިންގެ އިންޓީރިއާ މިނިސްޓަރު ފެނާންޑޯ ގްރާންޑޭ-މާލާސްކާ ވިދާޅުވީ، މި ދެ އަލިފާންގަނޑު އެކުވިޔަ ނުދިނުމަށް ޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

މެޑްރިޑްގައި ހުންނަވާ ސަރުކާރުގެ މަންދޫބު ފްރެންސިސްކޯ މާޓިން އިންޒާރު ދެއްވި ގޮތުގައި، އަލިފާނުގެ އަސަރު ހުރި އަޅިތައް އެތައް މޭލަކަށް ވަޔާއެކު ދަތުރުކޮށް، ދުރު ހިސާބުތަކަށް އަލިފާން ފެތުރެމުންދާތީ، މި ހާދިސާގައި ގެއްލުންވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަވީލާގެ އަލިފާނުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އެލް ޓިއެމްބްލޯގެ މޭޔަރު އާޓޫރޯ ވަރަސް ގޮންޒާލޭޒް ”ލަސެކްސްޓާ“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނަވަލުއެންގާ އިން ފެށިގެން އިރުއެލަސް ވާދީއާ ހަމައަށް، ގާތްގަނޑަކަށް 20 ކިލޯމީޓަރުގެ (12 މޭލު) ސަރަހައްދަކަށް ބައިގަޑިއިރުވެސް ނުވަނީސް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށެވެ. އަދި އެއީ ބިރުވެރި މަންޒަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޮފިޝަލުން ހާމަކުރައްވާފައިވާ ގޮތުގައި، މެޑްރިޑް ސަރަހައްދުން މިހާތަނަށް މަދުވެގެން 6،000 ހެކްޓަރުގެ ބިން ވަނީ އަނދާފައެވެ. އަދި އަވީލާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ގާތްގަނޑަކަށް 9،000 ހެކްޓަރުގެ ބިން ވަނީ އަޅިއަށް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: