ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ހެނދުނު މާލޭގެ ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިވަން ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ޤައުމީ ދިދަ ނެގުމުގެއިތުރުން، ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމަވާލެއްވީ ޤައުމީ ސަލާމުންނެވެ. ޤައުމީ ސަލާމް ހުށައަޅައިދިނީ ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީންނެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުންވެސް ޖަމާވެފައިވެއެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ. މިނިވަން ދުވަހާ ގުޅިގެން މާލެއާއި އަތޮޅުތަކުގައި ތަފާތު ގިނަ ހަރަކާތްތަކެއް ސަރުކާރުން ރާވައިގެން ކުރިއަށްގެންދެއެވެ. އޭގެ ތެރޭގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު 9:00 ގައި ވަނީ ބައްވާފައެވެ. އަދި ޚާއްޞަ ޖަލްސާތަކުގެ އިތުރުން، އާންމުންނަށް ބައިވެރިވެވޭނެ ތަފާތު ކުޅިވަރު ހަރަކާތްތައް ހިމެނޭއިރު އެމްއެންޑީއެފް އާއި ސްކޫލްތަކުގެ ޕެރޭޑް މިރޭ 20:30ގައި މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ދާނެއެވެ. އަދި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައްވެސް ޖުމްހޫރީ މައިދާނުގައި މިރޭ 8.30 ގައި އޮންނާނެއެވެ. މީގެ އިތުރުން މިނިވަން ރަން ގެ ނަމުގައި ހުޅުމާލޭގައި 27 ޖުލައި ވާ ހޯމަ ދުވަހު ހަވީރު 16:30 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.
އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ރާނީގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު އާދެ، ދެޤައުމުގެ ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ދަށުންނެވެ. އޭރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްނަމަވެސް ރާއްޖޭގެ ދާޙިލީ ކަންކަމަށް އިނގިރޭސިން އެއްވެސް އިރަކު ނުފޫޒު ފޯރުވާފައެއް ނުވެއެވެ.
ދިވެހިރާއްޖެއަށް އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ. މިއީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި 77 އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ލިބުނު މިނިވަންކަމެކެވެ. އެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

