ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށްޓަކައި އޯއައިސީން އަދާކުރަނީ މުހިންމު ދައުރެއް: ރައީސް

އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލަންސީ ހިސެން ބްރާހިމް ޠާހާ، ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އެ ޖަމާޢަތުގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި އެކަމުގައި ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އޯ.އައި.ސީގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރަމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، މުސްލިމު ޤައުމުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގައާއި، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގައި އޯ.އައި.ސީން އަދާކުރަމުންދާ ދެމެހެއްޓެނިވި ދައުރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ބައި ޤަރުނު ފާއިތުވެގެން ދިޔައިރުވެސް، ބައިނަލްއަޤްވާމީ އިސްލާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ މުހިންމުކަން ކުޑަނުވާކަން ފާހަގަކުރައްވައި، އަދުގެ ދުނިޔޭގައި އެ ޖަމާޢަތުގެ މުހިންމުކަމާއި ބޭނުންތެރިކަން ދެމިއޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޯ.އައި.ސީ އުފެދުނުތާ ދިހަ އަހަރު ނުވަނީސް، 20 ޖުލައި 1976 ގައި އެ ޖަމާޢަތުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ބަލައިގަތުމުގެ ހަނދާންތައް އައުކުރައްވައި، ރައީސްގެ މެސެޖުގައި އެކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މިއީ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލަށް އިޙްތިރާމްކުރުމާއި، އެއްބައިވަންތަކަމާއި، މެންބަރު ޤައުމުތަކުގެ ތަރައްޤީއަށް އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ފެށުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފާއިތުވި 50 އަހަރުގެ ތެރޭގައި، އިސްލާމިކް ސަމިޓްތަކުގައާއި، ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުންތަކުގައާއި، އެނޫންވެސް މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އޯ.އައި.ސީގެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ފުޅާ ދާއިރާއެއްގައި ޙިއްޞާވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިސްލާމިކް ފައިނޭންސް އަދި އޯ.އައި.ސީގެ މަސައްކަތްތައް ހަރުދަނާކުރުން ފަދަ މުހިންމު ކަންކަމުގައި ދިވެހި ޑިޕްލޮމެޓުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި އޯ.އައި.ސީއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި ޢާންމު އުޞޫލުން އޮންނަ އާދައިގެ ގުޅުމަކަށްވުރެ ހަރުދަނާ ގުޅުމެއްކަމަށާއި، އެ ޖަމާޢަތުން ކުރިއަރުވާ އިސްލާމީ އުޞޫލުތަކާއި އިންޞާފުވެރިކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ކަންތައްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ ހެއްކެއްގެ ގޮތުގައި، ފަލަސްޠީނު ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ ޙައްޤުތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުންދާ ދިއުމާއި، ރޮހިންޔާ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމު މުޖުތަމަޢުތަކަށް އިންޞާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، އޯ.އައި.ސީގެ މަޤްޞަދުތައް ޙާޞިލުކުރުމަށާއި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރެއްވިއެވެ. އަދި މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޢަމަލީގޮތުން، ހާލަތާއި ވަގުތާގުޅޭ، އަދި ނަތީޖާ ނެރެދެވޭނެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: