ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސް ރާއްޖެއަށް ނުލިބޭނަމަ މިހާރު އޮތްގޮތަށް ކުރިއަށްދިޔުމަކީ އެއްވެސް މައްސަލައެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސް ނުވަތަ ފޯޅަވަހީގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިރާއްޖެ ކަމަށާއި ނަމަވެސް ރާއްޖެއަށް ޗޯގޯސް ލިބެން ނެތް ނަމަ މިހާރު އޮތް ގޮތަށް އެ ސަރަހައްދު އޮތުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖުލައި 26 ގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ތާރީހީ ހެކިތަކުން ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ސާފުކޮށް އެނގެން އެބައޮތެވެ. އެގޮތުން 9 ވަނަ ހަސަން ރަސްގެފާނުގެ ލިޔުންތަކުން އެކަން ވަރަށް އެނގެން އޮތްކަން ފާހަގަކުރެއްވިއެވެ. އަދި އެތަން ހަވާލު ކުރާނަމަ، ކުރަންޖެހޭނީ އޭގެ ހަގީގީ މިލްކުވެރިންނާކަމަށާއި އެއީ ދިވެހިރާއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

އެ ނޫން ގޮތަކަށް އެކަން ކުރާނަމަ، މިހާރު އޮތްގޮތަށް އެ ސަރަހައްދު އޮތުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޗާގޯސްއަކީ، ނޫނީވިއްޔާ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް، ތާރީޚުން ހެކިދޭގޮތުގައި. 9 ވަނަ ޙަސަން ރަސްގެފާނުގެ ލިޔުންކޮޅު އެވަނީ. ވަރަށްސާފު. އެހެންވީމާ، ރައިޓްފުލް އޯނަރއާ ފޯޅަވަހި ބަޔަކާ ހަވާލުކުރަންޏާ ހަވާލުކުރަންޖެހޭނެ ކަމުގައި ދިވެހި ލޮބުވެތި ރައްޔިތުން ގަބޫލުކުރަނީ. އެހެން ނޫނީވިއްޔާ މިހާރު އޮތްގޮތަށް ކުރިއަށްދިޔުމަކީ، އެއްވެސް މައްސަލައެއް ނޫން. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑުމެން މިދަނީ ކަމާބެހޭ މަޝްވަރާތައް ޤައުމީ ރޫޙުގައި ގައުމަށްޓަކައި ކުރަމުން.

ރައީސް މުއިއްޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ދޫކޮށްލާފައިވަނީ ވަރަށް ”ނޭއްގާނި“ އަދި ”ފިނޑި“ ގޮތަކަށް ސިއްރުސިއްރުން ކަމަށެވެ. އެއީ ގާނޫނީ ގޮތުން ބަލާއިރު ރާއްޖޭގެ ސަރަހައްދެއްކަމަށާއި، އެ ބައި އަނބުރާ ހޯދުމުގެ މަސައްކަތް މި ސަރުކާރުން އަދިވެސް ކުރިޔަށް ގެންދާކަމަށް ވިދާޅުވި އެވެ. މިދިޔަ ސަރުކާރުން ރާއްޖޭގެ ކަނޑުން ބޮޑުބައެއް ދޫކޮށްލީ އެއްވެސް ދެފުށް ފެންނަ ގޮތެއްގައި ނޫން ކަމަށާއި، އެއީ ގައުމަށް އެންމެ ފައިދާހުރި ގޮތެއްގައި ނިންމި ނިންމުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ނިންމުން ބަދަލުކޮށް، އިންސާފު ހޯދުމަކީ މި ސަރުކާރުގެ އިސް އަމާޒެއްކަން އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

މި މަސައްކަތްތައް ސަރުކާރުން މީގެ ކުރިން އިއުލާނުކުރި ގޮތަށް ސަރަހައްދުތަކާ ބެހޭ ހާއްސަ އޮފީހެއް ގާއިމުކޮށް، އެ އޮފީހުގެ މަސައްކަތްތައް ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ކަނޑުގެ ސަރަހައްދު ގެއްލުނު މައްސަލައިގައި އިންސާފު ހޯދުމަށާއި، ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ގައުމީ ރޫހެއްގައި ކުރިއަށްދާނެ ކަމަށެވެ.

ޗާގޮސްއަކީ އިނގިރޭސިވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ތަނެއްގެ ގޮތުގައި ރާއްޖެއިން ޒަމާނުއްސުރެ ބަލަމުން އައީ، އެއީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް އުނިވެދާނެތީއެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުއްލި ގޮތަކަށް، ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރާކަން ހާމަކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވައި ސްޓޭންޑު ބަދަލުކުރި އެވެއެވެ.

މި ސިޓީއާއި އެކު، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) ގައި ރާއްޖެއިން ވަކާލާތު ކުރަމުންދިޔަ ދިފާއީ ބާރު ކެނޑި، ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭގޮތަށް އެ ބަހާލެވުނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތި، ގާނޫނުއަސާސީއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކާއި، ކުރީގެ ބަންޑާރަ ނައިބުން ހިމެނޭހެން ”ކަނޑު ވިއްކާލުމުގެ“ ތުހުމަތާއެކު ބޮޑެތި އިހުތިޖާޖުތަކެއް ކުރިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށްވީ ބޮޑެތި ވައުދުތަކުގެ ތެރޭގައި ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުން ހިމެނެ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރީގެ ސަރުކާރުން ފޮނުވި ސިޓީއަކީ ބާތިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅައި، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: