ރިސޯޓެއްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައިވާ 1،9 މިލިޔަން ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ސްރީލަންކާގެ ރައްޔިތަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން15 ދުވަސް ޖަހާދީފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހު ކޭއެސްސީ އޯވަސީސް އެމްއެލްޑީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައި ހުރި ފައިސާތައް ވަގަށް ނަގާފައިވާ މައްސަލައެއް އެ އިދާރާއަށް ހުށަހަޅައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ފައިސާ ވަގަށް ނަގާފައި ވަނީ ރިސޯޓެއްގައި ތިބި ކޭއެސްސީގެ މުވައްޒަފުންނަށް މުސާރަ ދޭންވެގެން ކުންފުނީގެ ފަރާތުން ފައިސާ ބަލާ މާލެ އައިސް ހުރި މީހާ ފައިސާ އާއި ހަވާލުވެ ފައިސާ ހިފައިގެން އެނބުރި ރިސޯޓަށް ފުރަންދެން ގެސްޓު ހައުސްއެއްގައި މަޑުކޮށްގެން ހުއްޓާ ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 1.9 މިލިއަން ރުފިޔާ އާއި 25 ހާހުގެ ޑާޓާ ކާޑް އަދި ރައުޓަރުގެ އިތުރުން 11 ހާހުގެ ފަސް މޯބައިލް ފޯނާއި 29500 ރުފިޔާގެ ރިޗާޖްކާޑު ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
މީގެިއތުރުން މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ކުރި މަސައްކަތުގެ ދަށުން އޭގެ ތެރެއިން 1.5 މިލިޔަން ރުފިޔާއާއި އިތުރު ތަކެތި ހޯދާފައިވާކަމަށާއި ހަމަ އެދުވަހު އުމުރުން 27 އަހަރުގެ، ލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

