ހުޅުމާލެ ރަށު މާރުކޭޓުގައި ޤަވާއިދާ ހިލާފަށް އުޅުނު 20 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސް އިން އިއްޔެ ވަނީ ހުޅުމާލެ ރަށު މާރުކޭޓުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފައެވެ.
އެގޮތުން މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 55 ބިދޭސީއަކު ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރެއިން އިމިގްރޭޝަންގެ ޤަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް އެއްކޮށްފައިވާއިރު އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެއެވެ.
އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުރުމުގެ އިތުރުން ސައްހަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.
ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ.
މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ދިވެހި މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން 13 ޖޫން 2024 އާ ހަމައަށް 12,552 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

