ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ”ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް“ އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމެވެ. މި ޤާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ 11 އިސްލާހެއް ހުށަހަޅާފައެވެެ.
ޤާނޫނު މިހާރު އޮތް ގޮތުން އެ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. މި ފަސް މެންބަރުންނަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންޖެހެއެވެ. ނަމަވެސް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ބޯޑު މެންބަރުންގެ އަދަދު ޗީފް އެގްޒެކެޓިވްއާއެކު 7 މެންބަރުން އައްޔަން ކުރެއްވުމަށެވެ. އަދި ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ ކަނޑައަޅާފައިވާ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންޖޭހެނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ އެއް ދައުރަށް ކަމަށް މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އިސްލާހުގައި ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން މެންބަރުން އެއް ދައުރަށްވުރެ ގިނަ ދައުރަށް އައްޔަން ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މިގޮތަށް އައްޔަން ކުރެވޭނީ ބޯޑުން ވަކިކުރާ މެންބަރުން ނޫން އެހެން މެންބަރުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހުގައި ބޯޑުގެ ޖަލްސާގެ ކޯރަމް ހަމަވާނެ ގޮތާއި ބޯޑުގެ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓުލުމުގެ ހައްގު ލިބިގެން ނުވާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު މިހާރު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑުގައި ތިއްބެވި މެންބަރުންގެ އިތުރަށް އެ ބޯޑަށް އައްޔަންކުރަންޖެހޭ މެންބަރުން 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

