މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމް.އެލް.ސީ.އޭ) ގެ 2026 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއާއި ކޮންފަރަންސް މާލޭގައި ބޭއްވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ، މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހައި ކައުންސިލަރުންގެ އިއްތިފާގުން ވަނީ މިކަން ކުރުމަށް އެހީތެރިކަން ދިނުމަށް ފާސްކޮށްފައެވެ.
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނަކީ ރާއްޖޭގެ ހުރިހައި ކައުންސިލްތަކެއް އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖޭގެ ލާމަރުކަޒީ ނިޒާމާއި ލޯކަލް ކައުންސިލްތައް އިތުރަށް ޕްރޮމޯޓްކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ލޯކަލް ގަވަރމަންޓް ހަރުދަނާކުރުމަށް ކުރެވޭ މި ފަދަ މަސައްކަތްތަކަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. މޭޔަރ ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، މި ފަދަ ޖަލްސާތަކުގެ ސަބަބުން ހުރިހައި ކައުންސިލްތަކެއް އެއްތަނަކަށް އެއްވެ، ކުރިމަތިވާ މައްސަލަތަކަށް މަޝްވަރާކޮށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ސަރުކާރަށް ދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދިނުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މި ޖަލްސާ ބޭއްވުމުގެ ހަރަދުތަކާ ގުޅޭގޮތުން ޢާޒިމް ވިދާޅުވީ، މީގެ ކުރީ ފަހަރު މި ޖަލްސާ ބޭއްވުމަށް ގާތްގަނޑަކަށް 428,000 ރުފިޔާ ޚަރަދުވި ނަމަވެސް، މި ފަހަރު އެ ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ. އެ ގޮތުން މި ފަހަރުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ހޯލުގައި ކަމަށްވާތީ، ޚަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރުގެ ވާހަކަފުޅަށް ތާއީދު ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސެއިން ފުރުޝާން ވިދާޅުވީ، މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، މި ކަމަށް ވެދެވެން އޮތް ހުރިހައި އެހީތެރިކަމެއް ކައުންސިލުން ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.
މި ނިންމުމުގެ ސަބަބުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރަންސް އިންތިޒާމުކުރުމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

