ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުން ވަކިކުރުން ދިފާއު ކުރުން ނޫން ގޮތެއް ޕީއެންސީއަށް ނެތް، ރައީސް އޮފީހުގެ އެންގުމަކީ އެއީ: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގެ މިނިވަންކަމެއް ނެތްކަމަށާއި، އެ ބޭފުޅުން ވޯޓު ދެއްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާ ސީދާ އިރުޝާދުގެ ދަށުން މަޖުބޫރުވެގެންކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ ހަރަދުތައް ހަރުދަނާކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައެވެ. އަދި އޭގެ ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ މި މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލައިގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ހުށަހެޅި ގަރާރުގެ ބަހުސްގައި ނާޒިލް ވިދާޅުވީ ވަޒީފާތަކުން ވަކިކުރާ މައްސަލައިގައި ޕީއެންސީގެ މެމްބަރުންގެ ކަންބޮޑުވުން އޮތް ނަމަވެސް އެ ވާހަކަ ދައްކާނެ ހިތްވަރު އެ މެމްބަރުންގެ ކިބައިގައި ނެތް ކަމަށެވެ.

ނާޒިލް ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށުގެ އިޖުތިމާއީ ފޭރާމަށާއި އާއިލާތަކުގެ ދިރިއުޅުމަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. މި ނިންމުމުގެ ސަބަބުން ގާތްގަނޑަކަށް 10،000 އާއި 15،000 އާ ދެމެދުގެ އާއިލާތަކަށް އާމްދަނީ ލިބޭނެ މަގު ބަންދުވެ، ބޮޑެތި ތަދާއި ދަތިތަކާ ކުރިމަތިލާން ޖެހޭއިރު ސަރުކާރުން މިކަމަށް އެއްވެސް މިންވަރަކަށް ނުވިސްނަނީ ކީއްވެގެންތޯ ނާޒިލް ސުވާލު ކުރެއްވި އެވެ.

ސަރުކާރުން 33 ޕަސެންޓް ވަޒީފާއިން މަދު ކޮށްލުމަކީ ހަގީގަތުގައި ރަށްރަށަށަށާއި އާއިލާތަކަށް ނިކަމެތިކަން ލިބޭ ކަމެއް. މިއީތޯ މި ސަރުކާރު އައިސް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އެ ވީ ވައުދުގެ ނަތީޖާއަކީ؟ މިއީ މިއަދު އަޅުގަނޑުމެން އުފައްދަންޖެހޭ ސުވާލެއް

ނާޒިލް ވިދާޅުވީ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުން ކަމުގައި ވިޔަސް، ނުވަތަ މިނިވަން މެމްބަރުން ކަމުގައި ވިޔަސް، އެއްވެސް މެމްބަރަކު އެ ބޭފުޅެއްގެ ދާއިރާގެ ރައްޔިތެއްގެ ވަޒީފާ ގެއްލިގެން ދިއުމަކީ އެދޭނެކަމެއް ނޫން ކަމަށެވެ. އަދި ކުންފުނިތަކުގައި މުވައްޒަފުން އިތުރުވެފައި އޮތް ނަމަވެސް، އެ މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި، އެ މީހުން ބައިތިއްބައިގެން ކުންފުނިތައް ހިންގޭނެ އުސޫލެއް ހޯދުމަކީ ކޮންމެ މެމްބަރަކުވެސް ބޭނުންވާނެ ގޮތްކަމަށް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ، ޕީއެންސީގެ މެމްބަރުންނަށް އަމިއްލަ ވިސްނުމާ އެއްގޮތަށް ވޯޓު ދިނުމުގެ ފުރުސަތު ސަރުކާރުން ނުދޭ ކަމަށެވެ. ނާޒިލް ވިދާޅުވީ ގޮތުގައި މިއަދު އެ މެންބަރުންނަށް މަޖުބޫރުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުން އަންގާ ގޮތަކަށް ވޯޓުދިނުމަށެވެ. އަދި މިއަދުގެ ހާލަތަކީ އެ ނޫން ގޮތަކަށް ވޯޓު ދީގެން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެމިތިބެވޭނެ އެއްވެސް ފުރުސަތެއް ނެތުންކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އޭރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، އޭރުގެ ސަރުކާރުން މެމްބަރުންނަށް ވަކި ގޮތަކަށް ވޯޓު ދިނުމަށް އެއްވެސް އިރެއްގައި ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ. އަދި އޭނާގެ ފަސް އަހަރުގެ ދައުރުގައި ރައީސް އޮފީހުން ވަކި ގޮތަކަށް ވޯޓު ދިނުމަށް އެދި ދުވަހަކުވެސް ގުޅާފައި ނުވާކަމަށް ވިދާޅުވި އެވެ. ނަމަވެސް މިއަދު ފެންނަމުން ދަނީ ސީދާ ވަކި ފަރާތަކުން އަންގާ ގޮތަކަށް ވޯޓުދޭން މަޖިލީހުގެ މެމްބަރުންނަށް ވޯޓު ދިނުމަށް މަޖުބޫރުވެފައިވާ މަންޒަރުކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިލް ވަނީ، އިގްތިސާދީ ހާލަތު ރަނގަޅުވަންދެން މަޑުކުރުމަށްފަހު ވަޒީފާތަކާ މެދު ގޮތް ނިންމުމަކީ ކުރެވިދާނެ ކަމެއްތޯ ވިސްނާލުމަށް ވެސް މެމްބަރުންނަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: