ދިވެހިރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު، ބޭރު ގައުމުތަކުގައި އެމްބަސީތައް ހިންގުމަށާއި ސަރުކާރުގެ އިސްވެރިންގެ ދަތުރުފަތުރުތަކަށް ކުރާ ބޮޑެތި ހަރަދުތަކަކީ ގައުމަށް އުފުލޭނެ ބުރައެއް ނޫންކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ އީޔޫ އާއި ބެލްޖިއަމަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސަޢީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ތައްޔާރު ކުރި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
އަމީން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު، މިވަގުތު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 21 ރުފިޔާ 65 ލާރިއާއި 70 ލާރިއާ ދެމެދުގައި ކަމަށެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި، ބޭރުގެ ގިނަ ގައުމުތަކެއްގައި އެމްބަސީތައް ހުޅުވައި، އެތަންތަނަށް ސަފީރުންނާއި މުވައްޒަފުން އައްޔަންކޮށް، އެ މީހެއްގެ އާއިލާތަކުގެ ދިރިއުޅުމުގެ ހަރަދާއި ދަރިންގެ ކިޔެވުމުގެ ހަރަދު ދައުލަތުން ޑޮލަރުން ހަމަޖައްސައިދޭން ޖެހުމަކީ ދިވެހި ރައްޔިތުންނަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއްކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވަނީ ބެލްޖިއަމް ފަދަ ގައުމުތަކުގައި އެމްބަސީތައް ގާއިމުކޮށްގެން، ކުރާ މަސައްކަތުން ގައުމަށް ލިބޭ ހަގީގީ ފައިދާއަކީ ކޮބައިތޯ ސުވާލު އުފައްދާފަ އެވެ.
އެ ގައުމުތަކުގައި އެމްބަސީ ބަހައްޓައިގެން މި ގައުމަށް ވަނީ ކޮން ފައިދާއެއްތޯ؟ ކިހާ ދިވެހިންނެއްތޯ އެތާނގައި އުޅެނީ؟ އަދި އެ އެމްބަސީތަކުން ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެނީ ކޮން ކަމެއްތޯ
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދުގެ މައިނާރުކަމަށްވާ ފަތުރުވެރިކަން އިތުރަށް މާކެޓު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑެތި ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، ޔޫރަޕްގެ ގައުމުތަކުގައި ތިއްބަވާ ސަފީރުންނާއި އެމްބަސީތަކުން ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށާއި، ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ކުރަނީ ކޮން މަސައްކަތެއްތޯއާއި، އެ ބޭފުޅުންނަށް ކުރާ ހަރަދާ އެއްވަރުގެ އާމްދަނީއެއް ގައުމަށް ލިބޭތޯ ބަލަންޖެހޭކަމަށް ވިދާޅުވެފަ އެވެ.
އަމީން އިތުރަށް ވިދާޅުވީ ރާއްޖެއަށްވުރެ މާ މުއްސަނދި އަދި އިގްތިސާދު ވަރުގަދަ ގައުމުތަކުންވެސް ބައެއް ގައުމުތަކުގައި އެމްބަސީތައް ނުބަހައްޓާއިރު، ރާއްޖެއިން އެފަދަ ހަރަދުތަކެއް ކުރުމަކީ ގައުމަށް ހެޔޮވަރު ކޯޓެއް ނޫން ކަމަށެވެ. އަދި ފޮރިން ސާވިސް ގާނޫނުގެ ދަށުން އެ ބޭފުޅުންނަށް ލިބޭ ބޮޑެތި އިނާޔަތްތަކަކީ މިވަގުތު ގައުމުގެ ހާލަތު ތަންދޭ ކަންކަން ނޫންކަމާއި، ކޮންމެހެން މަޖުބޫރު ނޫން ގައުމުތަކުގައި އެމްބަސީތައް ބެހެއްޓުމަކީ މުހިންމު ކަމެއްތޯ އަލުން މުރާޖައާ ކުރަންޖެހޭކަމަށް އަމީން ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު، ސަރުކާރުގެ ތެރޭގައި އިސްރާފު ބޮޑު އެތައް ކަމެއް ހިނގަމުންދާކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން، މި ޖުލައި މަސް ފެށުނުއިރު ވަޒީރަކު ޖަމިއްޔާއެއްގެ ބައްދަލުވުމަކަށް ވަޑައިގަތުމަށްޓަކައި 13,000 ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާއިރު ގާތްގަނޑަކަށް 200,000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފަސްޓް ކްލާސް ޓިކެޓެއް ނަންގަވައިގެން ދަތުރުކުރައްވާފައިވާކަމަށް އަމީން ވިދާޅުވިއެވެ. ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ވަގުތެއްގައި މިފަދަ ބޮޑެތި ހަރަދުތައް ކުރުން ބަލައިނުގަނެވޭނެކަމަށާއި، މިއީ އިދާރާތަކުން ބަލަންޖެހޭ މައްސަލައެއްކަމަށް އަމީން ވިދާޅުވި އެވެ.

