ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުގެ ޔުނިފޯމްގައި އެމްޑީޕީ ދިދަ ހިފައިގެން މަރުހަބާ ކިޔަން ނިކުންނައިރު ވެސް ވަޒީފާއިން ވަކިކޮށްފައި ނުވާނެ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މިއަދު އޮތް ސިޔާސީ މިނިވަންކަމުގެ ބޮޑުކަމުން، ކުންފުނީގެ ޔުނިފޯމްގައި ތިބެ އިދިކޮޅު އެމްޑީޕީގެ ދިދަ ހިފައިގެން ހަރަކާތްތަކަށް ނުކުތުމުގެ ފުރުސަތުވެސް އެބައޮތްކަމަށާއި، އެކަން ހުއްޓުވަން މި ސަރުކާރުން މަސައްކަތް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ ހަރަދުތައް ހަރުދަނާކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައެވެ. އަދި އޭގެ ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ މި މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލައިގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ހުށަހެޅި ގަރާރުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށެވެ.

ގަރާރުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމުގެ ބިރުވެރި ސަގާފަތް މިއަދު ނައްތާލާފައިވާ ކަމަށެވެ. އެގޮތުން ފެނަކަ އާއި އާރުޑީސީ ފަދަ ކުންފުނިތަކުގެ މުވައްޒަފުން، ޔުނިފޯމްގައި ތިބެގެންވެސް އިދިކޮޅު އެމްޑީޕީގެ ވެރިންނަށް މަރުހާބާ ކިޔުމަށާއި ސިޔާސީ މަސައްކަތުގައި ޝާމިލުވާ މަންޒަރު ފެންނަމުންދާކަމަށް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މިއަށް ވުރެ މިނިވަންކަމާއި އެކުގައި ވަޒީފާ އަދާކުރާ، ކުންފުނިތަކުގައި މަސައްކަތް ކުރާ ދިވެހި ޒުވާނުންނަށް މިނިވަންކަން އޮތް ދުވަސްވަރެއް ދިވެހި ތާރީހު ވެސް ދެކެފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ފެނަކަ ޔުނިފޯމުގައި ތިބެ އެމްޑީޕީ ދިދަ ހިފައިގެން ނުކުތަސް އެކަން ހުއްޓުވަން ދުވަހަކު ވެސް ދިން އިންޒާރެއް ނެތްކަމަށެވެ.

މިއީ އެމްޑީޕީގެ ސަރުކާރުގައި ދިން މިނިވަންކަމެއް ނޫންކަމަށް ބުނެ، ޝުޖާއު ވަނީ ކުރީ ސަރުކާރުގައި ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމަށް ވިދާޅުވެފަ އެވެ. ޝުޖާއު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއާ ވެރިކަން ހަވާލުކުރިއިރު، ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ރޫފަ ރަނގަޅުކޮށް ކަމަށެވެ. އަދި ބަޖެޓުގައި ފައިސާ ހުރިކަމަށާއި، ކުންފުނިތައް ހުރީ ހަރުދަނާ ލެވެލެއްގައިކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި، ކުންފުނިތަކަށް މީހުން އައްޔަންކޮށް، ގައުމުގެ އިގްތިސާދު ފުނޑާލާފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ.

ހާހުން ހާހަށް ވަޒީފާތައް އިތުރުކުރަމުންދިޔައީ އެއްވެސް މަސައްކަތެއް ނެތް ހާލަތުގައި ވެސް. ކުންފުނިތައް ފުރި ބަންޑުންވާ ވަރަށް ވަޒީފާ އުފެއްދުމުގެ ނަތީޖާއަކަށްވީ މަސްދޯނިފަހަރު ފަޅުވުން… މަހަށް ދާނެ ދިވެހިން ނުލިބި، މިއަދު މަސްދޯނިފަހަރުގައި ބިދޭސީން ގިނަވެގެންދިޔައީ އެ ސަބަބާ ހުރެ

ޝުޖާއު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންގެ ދަފްތަރެއް އޭރުގެ އިދިކޮޅު ކޯލިޝަނުން އެކުލަވައިލިއިރު، އެ ދަފްތަރު އޮތީ ފުރި ބަންދުވެފައި ކަމަށެވެ. އެތައް ހާސް ޒުވާނުންނެއް މަގުމަތިކުރަމުން ދިޔައިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ބޭފުޅުންނާއި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ފަދަ ބޭފުޅުން މާލިއްޔަތު ކޮމިޓީގައި ތިއްބަވައިގެން އެ މުވައްޒަފުންގެ ހައްގުގައި ކުރި މަސައްކަތެއް އޮތް ނަމަ އެ ތަފްސީލެއް ދިނުމަށް ޝުޖާއު ވިދާޅުވި އެވެ.

އެހެންކަމުން އެދުވަހު ގައުމުގެ ހާލަތު ވެއްޓެމުން ދަނިކޮށް، ބަހެއް ނުބުނެ ތިބެ މިއަދު ގައުމު މަގަށް އެޅުވުމަށްކަމަށް ބުނެ ކުރާ މަސައްކަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތްކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުން ގިނަވެފައިވާކަމަށް ބުނެ، އެމްޑީޕީން އެ ވާހަކަ ދައްކަމުން ގެންދާއިރު އެކަން ހައްލު ކުރުމަށް އުސޫލީ ގޮތުން މަސައްކަތް ފެށުމުން އެކަން ވެސް އެ ޕާޓީއަށް ގޯސްވެފައިވާކަމަށެވެ. ޝުޖާއު ވިދާޅުވީ މި ސަރުކާރުން އެއްވެސް ޒުވާނެއްގެ ސިޔާސީ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ނުކުރާނެކަމަށާއި، މިނިވަންކަމާއެކު ވަޒީފާ އަދާކުރުމުގެ މާހައުލެއް ރައީސް މުއިއްޒު ގާއިމުކޮށްދެއްވާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: